ނޭޕާލަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި 40 މީހަކު މަރުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން އިއްޔެ ނޭޕާލްގެ އޮފިޝަލުން ނޫސްތަކުގައި ބުނެފައިވާ ގޮތުން މި ހާދިސާތައް ހިނގަމުން އަންނަނީ އެޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައެވެ.

ހުއްޓުމެއް ނެތި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ވިއްސާރަވަމުން ދާއިރު، ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން ދަނީ ހޯދަމުންނެވެ. އަދި ގިނަ އަދަދެއްގެ ގެތައް ސުންނާފަތިވެފައި ވުމާއެކު އެތައް ހާސް ބަޔަކު ގެދޮރުގެއްލި ހާލުގައި ޖެހިފައިވާ ކަމަށް އިދާރާތަކުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ނޭޕާލްގެ ކަމާއި ބެހޭ އިދާރާތަކުން ކުރިޔަށް ގެންދާއިރު، މިހާތަނަށް 50 މީހަކު ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. މި 50 މީހުން ފެނިފައި ވަނީ ފެންބޮޑުވި ސަރަޙައްދުތައް ހޯދުމަށް ހެލިކަޕްޓަރު ބޭނުންކޮށްގެން ކުރިޔަށްގެންދާ އޮޕަރޭޝަނުގައެވެ.

އިދާރާތަކުން ބުނާގޮތުން މިހާރު ނޭޕާލުގެ ދެކުނުގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރަ ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރުވާނެއެވެ. އެހެންކަމުން މި ވިއްސާރައިގެ ނުރައްކަލާއި އިތުރު އެތައް ބަޔަކު ކުރިމަތިލާން ޖެހުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ނޭޕާލްގެ ދެކުނުގެ ސަރަޙައްދަކީ ވިއްސާރަ މޫސުންތަކުގައި އާންމު ގޮތެއްގައި ވެސް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތައް ހިނގާ ސަރަޙައްދެކެވެ. ކޮންމެ އަހަރެއްގައި ވެސް މި ސަރަޙައްދުތަކުގައި ހިނގާ މިފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއެވެ.