ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 665 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި މެކްސިކޯއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 34,191 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވަމުން އަންނަ ޤައުމުތަކުގެ ތެޜޭގައި މިހާރު މެކްސިކޯވެސް ހިމެނޭއިރު، އެޤައުމުން ބަލީގައި މަރުވާ މީހުންނާއި ބައްޔަށް އަލަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް އެޤައުމުން އަލަށް 6,891 މީހަކަށް ބަލި ޖެހިފައި ވެއެވެ.

މެކްސިކޯއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 289,174 ގައި އުޅޭއިރު، އެޤައުމަކީ މިހާރު ދުނިޔެއިން ނުވަ ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޤައުމެވެ. އަދި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެއްގެ ގޮތުގައި ވެސް އޮތީ މެކްސިކޯ އެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މެކްސިކޯއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 177,097 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 77,886 މީހަކަށެވެ. މީގެ ތެރެއިން 378 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

މެކްސިކޯ އިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.