މާސްކް އެޅުމާއި ދެކޮޅަށް ވާހަކަދެއްކި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް އެންމެ ފަހުން އާއްމު ތަންތަނުގައި މާސްކް އަޅަން ފަށައިފިއެވެ.

މިއީ ޓްރަމްޕް ކޮވިޑް-19 އާއި ގުޅިގެން މާސްކް އެޅި ފުރަތަމަ ފަހަރެވެ.

އޭނާ މާސްކް އެޅީ ވޯލްޓަރ ރީޑް މިލިޓަރީ ހޮސްޕިޓަލް އަށް އެތަނުގައި ތިބި ޒަހަމްވެފައިވާ ސިފައިންނާއި ސިއްހީ މަސައްކަތްތެރިންނަށް ޒިޔާރަތްކުރި ވަގުތު އެވެ..

މިހާރު މާސްކާއި މެދު ޓްރަމްޕްގެ ރާގު ވަނީ ބަދަލުވެފައެވެ.

"އަހަރެން އެއް އިރެއްގަވެސް މާސްކް އެޅުމަކާ ދެކޮޅެއް ނޫން. އަހަރެން ޤަބޫލުކުރަނީ އެކަމަށް ވެސް ވަގުތަކާ ތަނަކާ އޮންނަން ވާނެއޭ. އެއީ އަސްލު ވާ ގޮތަކީ. " ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް މިހެން ބުނި ނަމަވެސް އޭނާ ވަނީ މީގެ ކުރިން މާސްކް އެޅުމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާ ވާހަކަދައްކާފައެވެ. އަދި އޭނާ ވަނީ މާސްކް އަޅާތީވެ އޭނާގެ ވާދަވެރި ސިޔާސީ ފަރާތް ކަމަށްވާ ޖޯ ބައިޑެން އަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އެހެންނަމަވެސް ޓްރަމްޕް މިހާރު ބުނީ ޚާއްސަކޮށް ހޮސްޕިޓަލް ފަދަ ތަންތަނުގައި މާސްކް އެޅުން ރަނގަޅު ކަމަށް ޤަބޫލުކުރާ ކަމަށެެވެ. އަދި މާސްކް އެޅުމުގެ މުހިންމުކަން ފާހަގަކޮށް ޓްރަމްޕް ވަީ ވާހަކަދައްކާފައެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން މާސްކް އަޅަން ސިއްހީ މާހިރުން އިރުޝާދު ދިނުމުންވެސް އޭނާ ވަނީ މާސްކް އެޅުމަށް ދެކޮޅު ހަދާފައެވެ.

އަދި މާސްކް އެޅުމާއި ދެކޮޅަށް އެމެރިކާގެ އެތައް ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޓްރަމްޕް ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މި ބަލި ފުރަތަމަ ފެނުނީ ޗައިނާއިން ކަމަށް ވުމުން މިއީ ޗައިނާއިން ގެނައި ބައްޔެއް ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ތިޔާ ބުއްޅަބެޔާ ހަމަ އެކައްޗެއް.