ސައުދީ އަރަބިއްޔާއަށް ދެ މިސައިލާއި ޑްރޯން ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

މީގެ އިރުކޮޅެއް ކުރީން ފޮނުވާލި މި ހަމަލާތަކާއި ގުޅިގެން ސައުދީގެ ނޫސްތަކުގައި ބުނެފައިވަނީ، އެޤައުމަށް ދެ މިސައިލާއި 6 ޑްރޯން ހަމަލާ އަމާޒުކޮށްފައިވާ ކަމަށެވެ.

މި ހަމަލާތައް އަމާޒަށް ވާސިލުވުމުގެ ކުރީން ސައުދީގެ އަސްކަރިއްޔާއިން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ވެސް ނޫސްތައް ބުނެއެވެ.

ސައުދީ އަސްކަރިއްޔާގެ ތަރުޖަމާނަކު ނޫސްތަކުގައި ބުނެފައިވަނީ، މި ހަމަލާއަކީ ސައުދީ އާއި އިންވެގެން އޮންނަ ޔަމަނުގެ ވެރިކަންކުރާ ސަނާ އިން އެޤައުމަށް ފޮނުވާލި ހަމަލާތަކެއް ކަމަށެވެ. އަދި ހަމަލާ އަމާޒުކޮށްފައި ވަނީ ސައުދީގެ އާންމުން އުޅޭ ސަރަޙައްދުތަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

މި ހަމަލާތައް ސައުދީއަށް ފޮނުވާލާފައި ވަނީ ޔަމަނުގައި އުޅޭ ހޫތީ ހަނގުރާމަވެރިން ކަމަށް ސައުދީގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ހޫތީން މިރޭ ސައުދީ އަށް ހަމަލާ ދީފައި މިވަނީ، ސައުދީގެ އެކި ސަރަޙައްދުތަކަށް ޙަމަލާތަކެއް ފޮނުވާލާނެކަމުގެ އިންޒާރު މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ދިނުމަށްފަހު އެވެ. އެ ޖަމާޢަތުން ބުނެފައިވަނީ ހަމަލާތައް އަމާޒުކުރާނީ ސައުދީގެ ޝާހީ ގަނޑުވަރުތަކަށް ކަމަށާއި، އެހެންކަމުން ގަނޑުވަރުތަކާއި ދުރުގައި އާންމުން ތިބުމަށް އެދޭ ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރުމަތިން ހޫތީން ވަނީ ސައުދީގެ އެކި ސަރަޙައްދުތަކަށް ހަމަލާތައް ފޮނުވާފައެވެ. އެގޮތުން ދާދިފަހުން ސައުދީގެ ހުޅަނގުގެ ސަރަޙައްދެއްގައި ހުންނަ އެޤައުމުގެ އަސްކަރީ ބޭސް އަކަށް ދިން ވަރުގަދަ ހަމަލާ ވެސް ފާހަގަކޮށްލެވެއެވެ.

ހޫތީންގެ ހަމަލާތައް ސައުދީ އަށް އަމާޒުކުރަން ފެށީ، 2015 ވަނަ އަހަރު ސައުދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ޔަމަނުގައި ހިންގި ވަރުގަދަ އޮޕަރޭޝަނަށް ފަހުއެވެ. އެ އޮޕަރޭޝަނުގައި ހޫތީން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް ވައިގެމަގުން ދިން ހަމަލާތަކުގައި ހޫތީ ހަނގުރާމަވެރިންނާއި ގިނަ އަދަދެއްގެ އާންމުން މަރުވެފައި ވެއެވެ.

އެ ހަމަލާތަކަށްފަހު ޔަމަނުގައި ދިރިއުޅޭ އެތައް މިލިއަން ބައެއްގެ ގެދޮރުގެއްލި، ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ހޫތީން ބުނެއެވެ.