އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ކޮވިޑް-19 އަށް ފައްސިވަމުންދާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ދަނީ އިތުރު ވަމުންނެވެ. އިއްޔެ ވެސް އެމެރިކާ އިން ބައިލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ އިސްވެރިން ގެންދަނީ ސައިންސްވެރިން ދައްކާ ވާހަކަތައް ޓްރަމްޕް ގަބޫލު ނުކުރާނެކަން ވަރަށް ސާފުކޮށް ބުނަމުންނެވެ.

އިއްޔެ އެމެރިކާ އިން 58000 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރު ވަމުން އަންނާނީ އިންފެކްޝަސް ޑިސީސްގެ ދާއިރާ އިން އެމެރިކާގައި ހުރި އެންމެ ބޮޑު ތަޖުރިބާކާރު ޑރ.އެންތަނީ ފައުޗީ ވަނީ ފިޔަވަޅުތައް ހަރުކަށި ކުރަން މިހަފްތާގައި ގޮވާލާފައެވެ.

ޑރ.ފައުޗީ އަށް ރައްދުދީ ވައިޓް ހައުސްގެ އޮފިޝަލުން ބުނެފައި ވަނީ ފައުޗީ ދައްކަނީ "ތާކުންތާކު ނުޖެހޭ ސިޔާސީ ވާހަކަ" ކަމަށެވެ.

ޑރ.ފައުޗީ ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރެމުން ދާނަމަ، އެމެރިކާ އިން މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެ، އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށެވެ. ނަމަވެސް ވައިޓް ހައުސް އިން ބުނަނީ އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު އިތުރު ވަމުން އަންނަނީ ޓެސްޓް ކުރުން އިތުރު ކުރުމުން ކަމަށާއި، އެމެރިކާގައި ބަލީގެ ނުރައްކާ އޮތް މިންވަރު މިހާރު ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށެވެ.

ޑރ.ފައުޗީގެ ބަސް އެމެރިކާ ސަރުކާރުން ގަބޫލު ނުކުރި ނަމަވެސް އެމެރިކާގެ ގިނަ އާއްމުން އޭނާގެ ވާހަކަ ގަބޫލު ކުރެއެވެ. އެމެރިކާގައި މިހަފްތާގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އެމެރިކާ ރައްޔިތުންގެ %67 މީހުން ޑރ.ފައުޗީ އަށް އިތުބާރު ކުރެއެވެ. ނަމަވެސް ޓްރަމްޕަށް އިތުބާރު ކުރަނީ %26 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަމަޔާ..

    ސައިންސުވެރިންގެ އަޑު އެހީ ދިވެހީންނޫންތޯ..

    13
    2
  2. އެމަންޖެ

    ގައުމުތައް ހަލާކުވަމުން މިދަނީ ވެރިންގެ ގޮތުގައި ނާގާބިލް ކުފޫހަމަ ނުވާ މީހުން ތިބީމަ ، މިގައުމިގެ ހަލާކު ކެނެރީގޭ ބުއްޅަބެޔާ އޭނަގެ އައުވާނުން.

    12