އާޖެންޓީނާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން އިއުލާން ކުރި ގޮތުގައި އާޖެންޓީނާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 100،166 އަށް އަރައިފައެވެ. އެ ގައުމުގައި މިއަދު އެކަނި ވެސް 2،657 މީހަކު ފައްސިވެ، 27 މީހަކު ވަނީ މަރުވެފައެވެ.

މިއާ އެކު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1،845 އަށް އަރައިފައެވެ.

އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ޓުވިޓާގައި ވިދާޅުވީ މި ވައިރަހުން އަރައިގަތުމުން އެންމެން އެކަތިގަނޑަކަށްވުމަށް ގޮވާލާ ކަމަށެވެ. އާޖެންޓީނާގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެ ގައުމު ފުރަބަންދަކަށް ދިއުމަށް ވަނީ މަޝްވަރާތައް ފަސައިފައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގެ ވެރިރަށް ފުރަބަންދަކަށް ދިއުމަށް ލަފާ ދީފައެވެ.

އަދި އަންނަ ހުކުރު ދުވަހާ ހަމައަށް ހަރުކަށި ފިޔަވަޅުތައް ދަމަހައްޓަން ވެސް އެ ފަރާތްތަކުން ވަނީ ލަފާ ދީފައެވެ.

އާޖެންޓީނާގެ ސަރުކާރުން ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ހަރުކަށި ފުރަބަންދެއް އިއުލާންކޮށްފައެވެ. ހަރުކަށި ފުރަބަންދަކަށް ގޮސްފައި ވަނީ އާދަޔާ ހިލާފަށް އެ ގައުމުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީއެވެ.

އެކަމަކު، އެ ގައުމުގެ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކުގައި ފުރަބަންދަށް ލުއިތަކެއް ދީފައެވެ.