ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު ނުވަލައްކައަށް އަރައިފިއެވެ.

އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު ނުވަލައްކައަށް އަރާފައި މިވަނީ، މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު އެތައް ހާސް ބަޔަކު މި ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 28,179 މީހަކަށް ކޮވިޑް ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގައި އެޤައުމުން ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ފަހަރެވެ.

އިންޑިއާއިން އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 907,645 އަށް އަރާފައެވެ. މިއާއެކު އިންޑިއާއަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވީ ޤައުމެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، އެޤައުމަކީ މިހާރު ދުނިޔެއިން އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ އެއް ޤައުމެވެ. މިގޮތުން އެމެރިކާ އާއި ބްރެޒިލް ފިޔަވައި ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ބަޔަކު ފައްސިވާ ޤައުމެއްގެ ގޮތުގައި އިންޑިއާ އޮންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 23,727 މީހަކު ވަނީ މަރުވެފައެވެ. އެޤައުމަކީ ދުނިޔެއިން 8 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ހަމަ އެހެންމެ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީވެސް އިންޑިއާއެވެ. މިގޮތުން އެޤައުމުގައި ކޮވިޑް-19 ޖެހިގެން ފަރުވާދޭ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 572,112 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ، ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައިވާ 17,683 މީހަކު ހިމެނެއެވެ. އެޤައުމުގައި މިހާރު ކޮވިޑަށް ފަރުވާދެމުން ދަނީ 311,806 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު