މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކޮވިޑް-19ގެ ނުރައްކަލެވެ. މި ވައިރަހުގެ ނުރައްކާ އެންމެނަށްވެސް އޮތްއިރު، މި ބިރުވެރިކަން އެންމެ ބޮޑަށް އޮންނާނީ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހިތްތަކުގައެވެ.

ހޮސްޕިޓަލްތަކަށް ކޮންމެ ދުވަހަކުވެސް އެތައް ބަލި މީހުންނެއް ދާއިރު، އެތަންތަން ސެނިޓައިޒް ކޮށް، ވައިރަހުގެ އަސަރެއް ހުރިނަމަ، ފިލުވާލުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އެކުވެރި އަރަބި އިމާރާތުގެ ދުބާއީގެ ހޮސްޕިޓަލްތަކުގައި މި ނުރައްކާތެރި ވަޒީފާ އަދާ ކުރާ އެއްވެސް މީހަލު ނޫޅެއެވެ. އެއީ އެކަން ޒަމާނީ ޓެކްނޮލެޖީގެ އަލީގައި އުފައްދާފައިވާ ރޮބޮޓުތަކާއި ހަވާލު ކޮށްފައި ވާތީއެވެ.

” މި މަސައްކަތަށް މިފަދަ ސްމާޓު ރޮބޮޓުތަކެއް ބޭނުން ކުރުމުން މަސައްކަތުގެ ރޭޓު ރަނގަޅުވެ، އެތައް ވަގުތުތަކެއް ސަލާމަތް ކޮށްދީ، މުވައްޒަފުންވެސް ރައްކާތެރި ކުރެވޭ“ ދުބާއީގެ ހެލްތު އޮތޯރިޓީ އިން ބުނެފައިވެއެވެ.

މި ރޮބޮޓު ބޭނުން ކޮށްގެން އިންސާނަކު ގަޑިއިރެއް ތެރޭގައި ސެނިޓައިޒް ކުރާ ބޮޑު ސަރަހައްދެއް މި ރޮބޮޓު އެންމެ 15 ވަރަކަށް މިނެޓު ތެރޭގައި ސެނިޓައިޒް ކޮށްލާނެއެވެ. އަދި އިންސާނެއްގެ އެހީ އާއި ނުލައި، އެންމެ ބޮޑަށް ސާފު ކުރަން ޖެހޭ ސަރަހައްދުތައްވެސް މި ރޮބޮޓު ދެނެގަންނާނެއެވެ.

މިހާރު ގިނަ ގައުމުތަކަކުން އަންނަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމަ އަށް ރޮބޮޓުތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފަމުންކަން ފާހަގަކޮށްލެވެއެވެ.