ސައުދީ އަރަބިއްޔާގައި ތުއްތު ކުއްޖަކު ނުރައްކާތެރި ވައިރަސް، ކޮވިޑް-19 އަށް ޓެސްޓު ކުރަން އުޅެނިކޮށް ކަމާބެހޭ އިދާރާތަކުގެ އިހުމާލުން އެ ކުއްޖާ މަރުވެއްޖެއެވެ.

މިއަދު ހިނގި މި ހާދިސާގައި އުމުރުން އެންމެ 18 މަހުގެ އެ ކުއްޖާ މަރުވެފައި ވަނީ ޓެސްޓު ހެދުމަށް ކުއްޖާގެ ނޭފަތަށް އެއްޗެއް ކޮއްޕާލި ގޮތަކުންނެވެ. ނޭފަތަށް ކޮއްޕާލި ދަނޑިގަނޑު ވަނީ ކުއްޖާގެ ނޭފަތް އެތެރެ އަށް ބިންދާގެން ގޮސްފައެވެ.

އެ ގައުމުގެ ޝަކްރާ ޖެނެރަލް ހޮސްޕިޓަލަށް ކުއްޖާގެ މައިންބަފައިން ދިޔައީ ދަރިފުޅު މާ ބޮޑަށް ހުން ގަދަވުމުންނެވެ. ކުއްޖާގެ ފަރާތުން ވައިރަހުގެ އިތުރު އަލާމާތެއް ނުފެނުނު ނަމަވެސް، ހޮސްޕިޓަލުން ބުނެފައި ވަނީ ވައިރަހަށް ޓެސްޓު ކުރުން ކޮންމެހެންވެސް މުހިއްމު ކަމަށެވެ.

ވައިރަހަށް ޓެސްޓު ކުރަން އުޅުމުގެ ތެރޭގައި ކުއްޖާގެ ނޭފަތް ތެރެއަށް ދަނޑިގަނޑު ބިންދާގެން ދިއުމުން ޑޮކްޓަރުން ވަނީ ކުއްޖާ ސަލާމަތް ކުރުމަށް އޮޮޕަރޭޝެއް ކޮށް، ކުއްޖާގެ ހާލު މިހާރު ރަނގަޅުކަމަށް ބުނެފައެވެ.

ނަމަވެސް، އެރޭ ކުއްޖާ ހޭ އެރުމުން ކަމެއް ގޯސްކަން މަންމަ އަށް ފާހަގަވެ، ޑޮކްޓަރުންގެ ސަމާލުކަމަށް އެކަން ގެންނަން އުޅުމުން ބުނެފައި ވަނީ ޑިއުޓީގައި ޑޮކްޓަރަކު ނެތް ކަމަށެވެ. ހެނދުނު ކުއްޖާ ކުއްލިއަކަށް ވަނީ ހޭ ނެތިފައެވެ.

މިކަމާއި ގުޅިގެން ކުއްޖާ އެހެން ހޮސްޕިޓަލަކަށް ބަދަލުކުރަން އެމްބިއުލޭންސްގެ އިންތިޒާރުގައި ގަޑިއިރަކަށް ވުރެން ގިނައިރު ހުންނަން ޖެހުނު އިރު، އެވަގުތު ތެރޭގައި ކުއްޖާގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެ ދަނޑިގަނޑުގެ އެއް ބައި ނޭފަތް ތެރޭގައި ތާށިވެފައި އޮތުމުން ކުއްޖާ އަށް ވަނީ ރަނގަޅަށް ނޭވާ ނުލެވިފައެވެ. މި މައްސަލަ މިހާރު އެ ގައުމުގެ ހެލްތު މިނިސްޓްރީ އިން ބަލަމުން ގެންދާކަން ކުއްޖާގެ އާއިލާ އަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާރިޔާ

    އަންނީ ބުނެބަލަ މިކަމައް އެއްޗެކޭ.

    9
    4