ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އެމެރިކާއިން 3.5 މިލިއަން މީހުން ފައްސިވެއްޖެ އެވެ.

އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު 3.5 މިލިއަނަށް އަރާފައި މިވަނީ، އިއްޔެވެސް އިތުރު އެތައް ހާސް ވޭދަނަ (ކޭސް) އެއް ފެންމަތިވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެމެރިކާއިން މިދިޔަ 24 ގަޑިއިރު ތެރޭ ވެސް އިތުރު 64000 އަށްވުރެ ގިނަ މީހުންނަށް އަލަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 3,543,906 ގައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ. އަދި މި ބަލީގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކީވެސް އެމެރިކާއެވެ. އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން ޖުމްލަ 139,119 މީހަކު މަރުވެފައި ވެއެވެ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ މަރުވި 870 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެމެރިކާއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 1.5 މިލިއަން މީހުންނެވެ. އަދި މިހާރު މި ބައްޔަށް އެޤައުމުގައި ފަރުވާދޭ 1.8 މިލިއަން މީހުންގެ ތެރެއިން 16155 މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ނުވަތަ ސީރިއަސް ހާލުގައެވެ. އެމެރިކާއަކީ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން ބައެއް ސްޓޭޓްތަކުން ވަނީ ޕާކްތަކާއި އާއްމުން ގިނައިން އެއްވާ ބައެއް އެހެން ތަންތަން ވެސް ބަންދު ކުރަން ފަށާފައެވެ. އެމެރިކާގެ ގިނަ ސްކޫލްތައް ވެސް އަދި ހުރީ ބަންދު ކޮށްފައެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއަށް ކޮވިޑް-19 ގެ ނުރައްކާ އިތުރުވެގެންދާނެ ކަމުގެ ބޮރު އޮތްކަމަށް ސިއްޙީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު