ކޮވިޑް-19 ޖެހިގެން މިއަދު 836 މީހަކު މަރުވެއްޖެއެވެ. މިއަދަކީ ފާއިތުވި ނުވަ ދުވަސް ތެރޭގައި މެކްސިކޯ އިން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ. އިއްޔެ މެކްސިކޯ އިން މަރުވީ 485 މީހުންނެވެ.

މެކްސިކޯ އިން މިއަދު 7051 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ މެކްސިކޯ އިން ކޮވިޑް-19 އަށް ފައްސިވީ 4685 މީހުންނެވެ. މިއަދަކީ ފާއިތުވި ފަސް ދުވަސް ތެރޭގައި މެކްސިކޯ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

މެކްސިކޯގެ ހާލަތު މިހާރު ގޯސް ވަމުން ދާއިރު ތިން ވަނަ އަށް އެންމެ ގިނަ މީހުން މިހާރު ވެސް މަރުވެފައިވާ ގައުމަކީ މެކްސިކޯ އެވެ. ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެއަށްފަހު ބްރެޒިލް އިންނެވެ. ތިން ވަނަ އަށް މެކްސިކޯ އިން އެންމެ ގިނަ މީހުން މަރުވެފައި ވާއިރު ހަތަރު ވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީންނެވެ.

މެކްސިކޯ އިން މިހާތަނަށް 311,486 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު 36,327 މީހަކު ވަނީ މަރުވެފައެވެ.

މެކްސިކޯގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް މެކްސިކޯގެ ރައީސް އެންޑްރެސް މެނުއެލް ލޮޕޭޒް ވިދާޅުވީ ގައުމުގެ ހާލަތު އޮތް ވަރަށްވުރެ ގޯސް، ރައްޔިތުންނަށް ދައްކައި ދެނީ މީޑިއާ އިން ކަމަށާއި މެކްސިކޯގެ ހާލަތު އަންނަނީ މިހާރު ރަނގަޅު ވަމުން ކަމަށެވެ.

މެކްސިކޯ ގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ އިޤުތިޞާދު އަލުން ހުޅުވާލުން މާއަވަސް ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު