ހޮންކޮންގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނާތީ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެ ގައުމަށް "ތިން ވަނަ ރާޅެއް" އަރާފައި ވަނީ ތިން ފަހަރެއްގެ މަތިން ބަލި ކޮންޓްރޯލްކޮށްފައި ވަނިކޮށެވެ. އަދި އެ ގައުމުގައި މިހާރު ބަލި ފެތުރެމުންދާ ގޮތް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށައިފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން ހޮންކޮންގްގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، އެންމެ ބޮޑު އެއް ބަދަލަކީ އިރުއޮއްސި ހައެއްގެ ފަހުން، ރެސްޓޯރަންޓުތައް ބަންދު ކުރުމެވެ. އަދި ބޭރަށް ނުކުމެ އުޅޭ އިރު، މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

މާސްކް ނާޅައި ބޭރުގައި އުޅޭ މީހުން 650 ޑޮލަރުން ޖޫރިމަނާކޮށްފައިވާ އިރު، ހަތަރު މީހުންނަށް ވުރެ ގިނަ އިން ބޭރުގައި އުޅުން މަނަލެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މިދިޔަ ޖުލައި ހަ ވަނަ ދުވަހު އެކަނި ވެސް އެ ގައުމުގައި 300 މީހެއްގެ ގައިން ބަލި ފެނިފައިވެއެވެ.

ހޮންކޮންގައި ކޮވިޑް-19 ފެތުރެމުން އަންނާތީ، އެ ގައުމުގައި ބާއްވާ އެންމެ މަޝްހޫރު ބުކް ފެއާ ވަނީ ފަސްކޮށްފައެވެ. އަދި ހޮންކޮންގައި ހުންނަ ޑިސްނީލޭންޑް ވަނީ ބަންދުކޮށްފައެވެ. އެ ތަން ކޮވިޑް-19 ކޮންޓްރޯލްވުމާ ގުޅިގެން މިދިޔަ މަހު އާންމުންނަށް ހުޅުވައި ހިދުމަތް ވެސް ދިނެވެ.

އާބާދީގައި 7.5 މިލިއަން މީހުން ދިރިއުޅެމުން އަންނަ ހޮންކޮންގްގައި 1،569 މީހަކު ކޮވިޑް-19 އަސް ފައްސިވިއެވެ.

އެކަމަކު އެ ގައުމުން މަރުވެފައި ވަނީ އެންމެ އަށް މީހުންނެވެ.