ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައިސް، އެތައް ގައުމެއް ފުރަބަންދުކޮށް، އެތައް މިލިއަން ބަޔަކު ގޭގައި ބަންދުވެގެން ތިބި ނަމަވެސް ކޮވިޑް-19 ގެ ބިރުވެރިކަމާއި ކުރިމަތިލާން ނުޖެހޭ 12 ގައުމެއް އަދި ދުނިޔޭގައި އެބައޮތެވެ.

"އަލްޖަޒީރާ" އިން ރިޕޯޓް ކުރާ ގޮތުގައި މިހާތަނަށް ކޮވިޑް-19 ފެނިފައި ނެތް ގައުމުތަކަކީ ކިރިބަތީ، މާޝަލް އައިލެންޑްސް، މައިކްރޯނޭޝިއާ، ނައުރޫ، އުތުރު ކޮރެއާ، ޕަލާއޫ، ސަމޯއާ، ސޮލަމަން އައިލެންޑްސް، ޓޮންގާ، ތުރުކަމިނިސްތާން، ތުވާލޫ އަދި ވަނުއަޓޫ އެވެ.

މީގެ ތެރެއިން އުތުރު ކޮރެއާ އިން ކޮވިޑް-19 އަށް މީހަކު ފައްސިވިކަމަށް މީގެ ކުރިން މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އުތުރު ކޮރެއާ ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ. އުތުރު ކޮރެއާ އިން އަދި ކޮވިޑް-19 ފެނިފައި ނެތް ކަމަށް އެގައުމުން ބުނި ނަމަވެސް ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދައެވެ.

މިހާތަނަށް 13.5 މިލިއަން މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރެއިން 5.8 ލައްކަ މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައި ވަނީ 7.9 މިލިއަން މީހުންނެވެ.

ޑިސެމްބަރު މަހު ޗައިނާ އިން ކޮވިޑް-19 ފެނި، ދުނިޔެ އަށް ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި އެކު ގާތްގަނޑަކަށް ހުރިހާ އިޤުތިޞާދީ މަސައްކަތްތައް ހުއްޓި އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލި، އެތައް މިލިއަން ބައެއްގެ އާމްދަނީއަށް ވަނީ އަސަރު ކޮށްފައެވެ.

މިހާރު ގިނަ ގައުމުތަކުގެ އިޤުތިޞާދު އަލުން ހުޅުވާލާފައި މަސައްކަތްތައް ފަށައިގެންފައި ވީނަމަވެސް ދުނިޔެ އާއްމު ހާލަތަކަށް ދާނީ ކޮވިޑް-19 އަށް ވެކްސިނެއް ލިބުނު ދުވަހަކުން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ގިނަ ސައިންސްވެރިން ލަފާކުރާ ގޮތުގައި ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ކިޔުންތެރިންގެ ހިޔާލު