އެމެރިކާއަށްވުރެ ކުރީން ޗައިނާއަށް ކޮވިޑް-19 ގެ ކާމިޔާބު ވެކްސިނެއް ހޯދުމަކީ ނާދިރު ކަމެއް ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީޒެސް ގެ ޑިރެކްޓަރ، އަދި އެޤައުމުގެ އެންމެ އިސް ސައިންސްވެރިޔާ ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ޑރ. ފައުޗީ ވިދާޅުވީ އެމެރިކާއިން ވެކްސިނެއް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ފަހު މަރުޙަލާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ ފަހުކޮޅު ކަމަށެވެ. އަދި ޗައިނާއިން އެއަށްވުރެ ކުރީން ވެކްސިނެއް އުފައްދަފާނެ ކަމަށް ބަލާފައި މަސައްކަތް އިތުރަށް އަވަސް ކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

ޑރ. ފައުޗީ މިގޮތަށް ވިދާޅުވެފައި މިވަނީ ޗައިނާއިން ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބީތަކެއް ލިބި، ކުރީ މަރުޙަލާތަކުގައި އެދެވޭ ނަތީޖާތަކެއް ފެނިފައިވާކަން އެޤައުމުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތް ކުރަމުންނެވެ. މިކަމާއި ގުޅިގެން ޑރ. ފައުޗީ ވަނީ އެމެރިކާގެ ވެކްސިންގެ މަސައްކަތްތަކަށްވެސް ބޮޑެތި ކުރިއެރުން ލިބެމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ޑރ. ފައުޗީ ވިދާޅުވީ ކޮވިޑްގެ ވެކްސިން ކާމިޔާބުވާނެކަން އަދި ކަށަވަރު ނުވީ ނަމަވެސް، ވެކްސިން އުފެއްދުމަށް އެމެރިކާއިން ކުރިޔަށްގެންދާ މަސައްކަތްތަކުގެ "ޓައިމް ޓޭބަލް" އާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ތައްޔާރު ކުރުމުގެ މަސައްކަތް އެތައް ޤައުމަކުން ކެނޑިނޭޅި ކުރަމުންދާއިރު، މި ބަލިން އަރައިގަނެވެން އޮތް ހަމައެކަނި ގޮތަކީ ކާމިޔާބު ވެކްސިނެއް ބޭނުންކުރެވެން ފެށުން ކަމާއި މެދު ދުނިޔޭގެ ސިއްޙީ ތަޖުރިބާކާރުން އިއްތިފާޤުވެއެވެ. އެފަރާތްތަކުން ޤަބޫލުކުރާ ގޮތުން ވެކްސިނެއްގެ ކުރީން ކޮވިޑްގެ ނުރައްކާ ދުނިޔެއަށް ކުޑަވެގެން ދިއުމަކީ ދުރުގައިވާ ކަމެކެވެ.

ދުވަހެއް ދުވަހަކަށް ކޮވިޑްގެ ނުރައްކާ ބޮޑުވަމުން އަންނައިރު، އެމެރިކާ އަކީ ހާލަތު އެންމެ ގޯސްވެފައިވާ ޤައުމެވެ. އެގޮތުން މިހާތަނަށް އެޤައުމުން ޖުމްލަ 3.6 މިލިއަން މީހަކަށް މި ބަލި ޖެހި، އޭގެތެރެއިން 140000 އެއްހައި މީހުން މަރުވެފައި ވެއެވެ.

އެމެރިކާ ހިމެނޭހެން މިހާތަނަށް ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިހާރު ވަނީ 13.6 މިލިއަނަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު 584000 އަށްވުރެ އިތުރުވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވީ 7.9 މިލިއަން މީހުންނެވެ.

ކޮވިޑްގެ ނުރައްކާ މިހާރު އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން މެކްސިކޯ އާއި ބްރެޒިލް އާއި ދެކުނު އެފްރިކާ އަދި އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަޝިޔާ

    ތިމީހުން އޮންނަނީ ހުސް އަނގައެއް އަހަރެމެން ވަނީ ވެކްސިނެއް އުފައްދާފަ ހަަމަ އެކަނި ޓެސްޓް ކޮއްގެން ނަތީޖާ ބޭނުމީ ﷲގެ ވާގިފުޅާއެކު ވަރައް އަވަސް މުސްތަޤުބަލެއްގަ ވެކްސިން ނެރޭނަން އެމެރިކާ ތިހެން ކިޔަކިޔަ އޮއްވާ ވ،ސަލާމް

    13
    1
  2. އަލްޖިބްރާ

    ކަލޭމެނަށް ތިކަހަލަ ކަންތަކުގައި ހުސްއަގަތެޅުން ނޫންކަމެއް ކުރެވިފައި އެބައޮތްތަ؟ކަލޭމެނަށް އެންމެނަށްވުރެ އަވަހަށް ކުރެވޭކަމަކީ ދުނިޔޭގެ މުސްލިމުންނަށް އަނިޔާކުރުމާއި ދުއްތުރާކުރުން ! ފޮނިނުކަޑާ އިންސާނިއްޔަށް ރަގަޅު ޚިދުމަތެއް ފޯރުކޮށްދެވޭތޯ އުޅެބަލަ !

    13
    1
    • އާމްސްޓްރޯންގު

      އެންމެންނަށް ވުރެން ކުރިން ހަނދަށް ދިޔައީ ވެސް އަހަރެމެން. އަހަރެމެން އިލްމު ވަގަށްނެގީ ކަލޭމެންގެ ފޮތުން. ދެން ވައްސަލާން

  3. މެކް

    ވަކި ބަޔަކައް ޗެލެންޖް ކުރުމުގެ ބޭނުމެއްނެތް އިޚްލާސްތެރިކަމާއެކު ވެކްސިން ތައްޔާރުކޮށް މުޅިދުނިޔޭގެ ރައްޔިތުންނައް އަވަހައް ފޯރުކޮށްދީ . މިހާރުވެސް އެމެރިކާއަކީ މީސްތަކުނެގެ ސަލާމަތާ ރައްކާތެރި ކަމައް ހަރަދު ކުރާވައްވުރެ ބޮޑައް މީސްތަކުން ފަނާކުރަން ހަރަދު ކުރާގައުމެއް.