ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން އަށް މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު ހަތް މިލިއަނަށް އަރާފައި މިވަނީ، މިދިޔަ 24 ގަޑިއިރު ތެރޭވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 186000 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 8,027,820 ގައެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ފަހަކަށް އައިސް، ކުރިން ނުފެތުރޭހައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދެލައްކައަށްވުރެ ގިނަ މީހުން އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13.6 މިލިއަނަށްވުރެ އިތުރުވެފައެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް 5600 އަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް ދުނިޔެއިން 586000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ 5,067,280 މީހަކަށެވެ. މީގެ ތެރެއިން 59,629 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވެ، ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އަދި މި ބައްޔަށް ފަރުވާ ކުރެވޭނެ ކާމިޔާބު ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު