ދުނިޔޭގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ބައެއް ގައުމުތަކުން ކޮންޓްރޯލް ކުރެވިފައިވާއިރު، ބައެއް ގައުމުތަކަށް ވަނީ މި ބަލީގެ ދެ ވަނަ ރާޅަކާއިތިން ވަނަ ރާޅެއް އަރާފައެވެ. އޭގެ ތެރޭގައި ހޮންކޮންގް ހިމެނެނީ މި ބަލީގެ ތިން ވަނަ ރާޅެއް އަރާފައިވާ ގައުމުގެ ގޮތުގައެވެ.

ހޮންކޮންގް އަށް ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އަރާފައި މިވަނީ އެގައުމުގައި ބަލި ކޮންޓްރޯލް ކޮށްފައިވަނިކޮށެވެ. އެގައުމުން މިހާތަނަށް ތިން ފަހަރެއްގެ މަތިން މި ބަލި ކޮންޓްރޯލް ކޮށްފައިވާކަން ވަނީ ހާމަކޮށްފައެެވެ. އެހެން ކަމުން މިހާރު އުފެދިފައިވާ ސުވާލަކީ ތިން ވަނަ ފަހަރަށް ބަލި ކޮންޓްރޯލް ކޮށްފައިވާއިރު، މި ބަލީގެ ތިން ވަނަ ރާޅެއް އެގައުމަށް އައިސްފައިވަނީ ކިހިނެއްތޯއެވެ.

އެގައުމުގެ ކަމުގެ މާހިރުން ބުނެފައިވަނީ ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އެގައުމުން ފެނިފައިވަނީ އިޖުތިމާއީ ގައިދުރުކަމަށާއި އިއުލާނު ކޮށްފައިވާ ގަވާއިދުތަކަށް ލުއިތަކެއް ސަރުކާރުން ދީފައިވާތީ ކަމަށެވެ. އެހެންކަމުން އެކަކު ގައި އަނެކަކު ގަޔަށް ވައިރަސް އަރައި ގިނަ ވާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ހަފްތާއެއް ކުރިން އެގައުމުން ވަނީ ބަލި ޖެހޭ މީހުންގެ އަދަދު އެންމެ ނަންބަރަކަށް ހިފަހައްޓާފައެވެ. އެގޮތުން ބައެއް ދުވަސްތަކުގައި އެގައުމުން އެއްވެސް މީހަކު ފައްސިވެސް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް ފުރަބަންދަށް ދިން ލުއިތަކާއެކު ފިހާރަތަކާއި މީހުން އެއްވެ އުޅުން ގިނަ ވުމުގެ ސަބަބުން ފަހަކަށް އައިސް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

އެގައުމުގެ ބައެއް މާހިރުން ބުނެފައިވަނީ ލުއިތައް ދިނުމުން ބައެއް ފަރާތްތަކުން ކެފޭތަކަށް އަރައި މާސްކު ނަގާލުމުން ވައިރަސް ފެތުރެން ފުރުސަތު ލިބޭ ކަމަށެވެ.

ކޮވިޑް-19ގެ ތިން ވަނަ ރާޅެއް އެގައުމަށް އެރުމުން މިހާރު ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.

އެގޮތުން އެހެން ގައުމުތަކުން އަންނަ ފަރާތްތަކުން ކޮވިޑް-19 ނައްސި (ނެގެޓިވް) ވެފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމަށް އަންގާފައެވެ. އަދި މީގެ ކުރިން 50 މީހުންނަށް އެއްވެ އުޅުމުގެ ހުއްދަ ދީފައިވާއިރު، މިހާރު ވަނީ ހަތަރު މީހުންނަށް އެންމެ ގިނަ ވެގެން ތިބެވޭ ގޮތަށް ހަދައި، ރެސްޓޯރެންޓްތަކުގައިވެސް ހަތަރު މީހުންނަށް ތިބެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.

މީގެ އިތުރުން ގޭމް ސެންޓަރުތަކާއި ޖިމް އަދި އެހެނިހެން އާންމުން އަންނަ ތަންތަންވެސް ހަފްތާއަކަށް ބަދަލުކޮށް، އިވެންޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި ދަތުރުފަތުރުގައި އުޅޭ ހުރިހާ ފަރާތްތަކުން މާސްކު އެޅުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯކިބާ

    ހޮންކޮންގަކީ ގައުމެއްނޫން، ޗައިނާގެ ސިޓީއެއް.

  2. ަެައަދިވެސް ކަންކަން ސިއްރު ކުރެވޭތޯ މަސައްކަތް ކުރޭ

    އަދިވެސް ކަން ކަން ސިއްރު ކުރެވޭތޯ މަސައްކަތް ކުރޭ

  3. މަރުކަޒީ ބ

    ޢޮފީސަތައްވެސް މަދުންދާންވީ... ހު ރިހާ ދުވަހަކު ކޮންމެހެން ދަނީ ކީއްކު ރަން.. ކޮމްޕިއުޓަރުން ގޭގައި މަސައްކަތް ކުރެވޭނެ... ފޯނުން މަޝްވަރާވެސް ކުރެވޭނެ..