އާބާދީގެ ނިސްބަތުން އިންޑިއާ އަކީ ރޭޕް އާއި ޖިންސީ ގޯނާގެ ކުށްތައް އާދަޔާ ޚިލާފަށް ގިނަ ޤައުމެކެވެ. ޚާއްސަކޮށް ދީނާއި ސަޤާފަތުގެ ނަމުގައި ޖިންސީ އަނިޔާ އާއި ޖިންސީ ގޯނާ އަދި ރޭޕް ކުރުމުގެ އިތުުރުން ދީނުގެ ނަމުގައި މީހުން މެރުމާއި ލާއިންސާނީ އަނިޔާތައް ކުރުމަކީ އެގައުމުގައި ހިނގާ ކަމެކެވެ.

މިފަދަ ކަންކަން ހުއްޓުވަން އިންޑިއާ ފުލުހުން ތަކުރާުރުކޮށް މަސައްކަތްކޮށް ޓީވީ ޕްރޮގްރާމްތަކާއި މީޑިއާގެ އެހެނިހެން ވަސީލަތްތަކުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރި ނަމަވެސް ކުދި ކުދި މައްސަލަތަކާއި ގުޅިގެން ލާއިންސާނީ އަމަލުތައް ހިންގުމަކީ އިންޑިއާގައި އާއްމުވެފައިވާ މައްސަލައެވެ.

ދާދިފަހުން އިންޑިއާގެ މުންބާއިގައި އުޅޭ ސްޓޭންޑް އަޕް ކޮމެޑިއަންއަކަށް ވެސް ދިމާވެފައި ވަނީ މިފަދަ ކަމެކެވެ. އަގްރިމާ ގޯޝަން އަކީ ކުރިއަރަމުން އަންނަ ކޮމޭޑިއަންއެކެވެ.

އޭނާ 2019 ވަނަ އަހަރު ބައިވެރިވި ޝޯއެއްގައި އިންޑިއާގެ ހަނގުރާމަވެރިޔާ އަދި ރަސްކަލެއް ކަމަށްވާ ޝިވާޖީ އަށް ބަދުބަސް ބުނި ކަމަށް ބުނެ ދާދިފަހުން މީސްމިޑިއާގައި އޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވާން ފަށާފައެވެ.

އެ ވީޑިއޯ އަކީ ކުރީގެ ވީޑިއޯއެއް ނަމަވެސް އެ ވީޑިއޯ އާއްމުވީ ފަހަކަށް އައިސް އަގްރިމާ އަށް ލިބެމުން އައި ކުރިއެރުމާއި ގުޅިގެން، އާއްމުން އޭނާގެ ކުރީގެ ވީޑިއޯތައް ރީޕޯސްޓް ކުރަން ފެށުމުންނެވެ.

އަގްރިމާ ވަނީ މަހާރާޝްތްރާ ސަރުކާރުން އަރަބި ކަނޑުގައި ޝިވާޖީގެ ބުދެއް ހަރުކުރާ ކަމަށް ބުނެ އެކަމަށް ޖޯކު ޖަހާފައެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެސް ސަމާސާ ރާގަކަށް އޭނާ ވަނީ ބުނެފައެވެ.

އެ ވީޑިއޯ ވައިރަލް ވުމުން އަގްރިމާ އަށް ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް މެސެޖް ކުރަމުންދާ މީހުން ތިބިކަން އޭނާ ވަނީ ހާމަކޮށްފައެވެ. މިކަން ހައްދު ފަހަނަ އެޅީ އޭނާ އަށް ތަކުރާރުކޮށް ރޭޕްކޮށްފާނެ ކަމުގެ އިންޒާރު ލިބެން ފެށި ހިސާބުންނެވެ.

އަގްރިމާ އަށް މިހާރު ގެއިން ނުކުންނަންވެސް އުނދަނގޫ ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެއެވެ. އަދި އޭނާގެ ޒާތަށް ހުތުރުވާ ގޮތަށް، އެއްޗެހި ކިޔުމުގެ އިތުރުން އަގްރިމާގެ އާއިލާ އަށް ވެސް އެތައް ދުއްތުރާލެއް ބައެއް މީހުންގެ ފަރާތުން ކުރިމަތިވާ ކަމަށް އޭނާގެ އެކުވެރިންނާއި ހަވާލާދީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އަގްރިމާ ވަނީ އޭނާ އަކީ ކޮމޭޑިއަންއެއް ކަމަށާއި ޝިވާޖީ އަކީ ދީނުގެ ފާދިރީއަކަށް ވެސް ނުވާއިރު އޭނާ އަށް އެވަރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ. އެ ވީޑިއޯ އަކީ މަހާރާޝްތްރާގެ ކެފޭއެއްގައި ނެގި ވީޑިއޯއަކަށް ވާއިރު އާއްމުންގެ ބަޔަކު ވަނީ އެ ކެފޭއަށް ވަދެ އެތަނަށް ގެއްލުންދީފައެވެ.