ދާހިލީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަދި އެތައް ސަރަހައްދަކަށް ސަރުކާރުގެ ކޮންޓްރޯލް ވެސް ނުހިނގާ ސީރިއާގައި ޤާނޫނު ހަދާ މަޖިލީހެއް އިންތިޚާބު ކުރަން މިއަދު ވޯޓް ނަގަން ފަށައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އިންތިޚާބު ބޮއިކޮޓް ކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިންތިޚާބު ބޭއްވުމުގެ މަޤުޞަދަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ އަނިޔާވެރިކަން އިތުރަށް ފުޅާކޮށް އޭނާގެ ނިންމުންތައް "ޤާނޫނީ ގޮތުން ސައްހަ ކުރުމެވެ."

މިއީ 2011 ވަނަ އަހަރު ސީރިއާގެ ދާހިލީ ހަނގުރާމަ ފެށުނު ފަހުން އެގައުމުގައި ބާއްވާ ތިން ވަނަ އާއްމު އިންތިޚާބެވެ. މިފަހަރުގެ އިންތިޚާބުގައި ވެސް 2000 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރެއެވެ. އޭގެ ތެރޭގައި ތަފާތު ބޮޑެތި ތުހުމަތުތައް ކުރެވިގެން އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ވިޔަފާރިވެރިން ވެސް ހިމެނެއެވެ.

އެންމެ ފަހުން ސީރިއާގައި އާއްމު އިންތިޚާބެއް ބޭއްވީ 2016 ވަނަ އަހަރު އެވެ. އެފަހަރުގެ އިންތިޚާބުގައި 250 ގޮނޑީގެ ތެރެއިން 200 ގޮނޑި ކާމިޔާބު ކުރީ ބައްޝާރުގެ ބާތު ޕާޓީންނެވެ. ބާކީ 50 ގޮނޑި ކާމިޔާބު ކުރީ މިނިވަން ކެންޑިޑޭޓުންނެވެ. އޮބްޒާވަރުން ބުނާ ގޮތުގައި މިފަހަރުގެ އިންތިޚާބު ވެސް ކާމިޔާބު ކުރާނީ ބައްޝާރަށް ތާއިދު ކުރާ ފަރާތްތަކުން ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބައްޝާރު ނިންމާފައި ވަނީ ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ފަހު ޤާނޫނު އަސާސީ އިސްލާހުކޮށް އޭނާ ބޮޑުވަޒީރު ކަމަށް އަންނާށެވެ. ނަމަވެސް ބައިނަލްއަޤުވާމީ ދުނިޔެ އިން އިންތިޚާބު ސައްހަ ކަމަށް ބަލައި ނުގަންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީރިއާގައި އާއްމު އިންތިޚާބެއް ބާއްވާއިރު ރައްޔިތުންގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ކޮންމެހެން ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގުތައް ވެސް ހުރީ އެތައް ސަތޭކަ ގުނައެއް އުފުލިފައެވެ.

ބައްޝާރު ސީރިއާގެ ރައީސް ކަމަށް އައީ 2000 ވަނަ އަހަރު އޭނާގެ އުމުރުން 34 އަހަރުގައެވެ. އެއީ އޭނާގެ ބައްޕަ ގާތްގަނޑަކަށް 30 އަހަރު ވެރިކަން ކުރިފަހުން އަވަހާރަވުމުންނެވެ. ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބައްޝާރު ވެރިކަމުން އިސްތިއުފާ ދިނުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. ނަމަވެސް ވެރިކަން ދޫކޮށްލުމުގެ ވިސްނުމެއް ބައްޝާރު ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ކޮން ބޮއިކަޓެއް އިދިކޮޅުންވެސް ކެންޑިޑޭތުންނެރެގެން ކާމިޔާބު ހޯދަންވީ އޭރުން ދުނިޔޭގެ ލޯތަކަށް އިދިކޮޅުގެ ބާރު ރައްޔިތުންގެތެރޭ އޮތް މިންވަރު ވަޒަންކުރެވޭނީ. މިހާރު އެގޭ އެކައްޗެއްވެސް ނެތް ދައްކާ ވާހަކަތައް ދިމަލެއްނުވޭ ކިތަންމެދުވަހަކު ހަތިޔާރު ހިފައިގެން އުލުނަސް ބައްސާރު ގެބާރު ހަތިޔާރުން ކަނޑުވާލުމަކީ ދުރުކަމެއް.