ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކަނޑު ކަމުގައިވާ، ދެކުނު ކަނޑު ނުވަތަ އެޓްލާންޑިކް ކަނޑުން އާދަޔާއި ޚިލާފަށް ބިޔަ ރާޅެއް އުފެދިފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު ނިއުޒިލޭންޑް ހިމެނޭ ސަރަޙައްދުން އެ ޤައުމުގެ ކެމްބެލް އައިލޭންޑްސްގެ 700 ކިލޯމީޓަރު ބޭރުން އުފެދުނު މި ރާޅަކީ، މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ އުސް ރާޅު ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.

ސައިންސްވެރިން ބުނެފައިވާގޮތުގައި މި ރާޅުގެ ބޮޑުމިން، 8 ބުރީގެ އިމާރާތެއް ވަރު ވާކަމަށެވެ. 80 ވަރަކަށް ފޫޓު ހުރި އެ ރާޅުގެ ސަބަބުން ބައެއް ހިސާބުތަކަށް ނުރައްކާ ކުރިމަތިވާނެ ކަމަށް ބެލެވުނެވެ. މި ރާޅަކީ މިހާރު އެޓްލާންޓިކް ކަނޑުގައި ދައުރުވަމުންދާ ބާރުގަދަ ތޫފާނެއްގެ ސަބަބުން އުފެދުނު ރާޅެއް ކަމަށާއި، މިފަދަ ބިޔަ ރާޅުތައް ތޫފާނާއި އެކު އުފެދެމުން ދާނެ ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.

މީގެ ކުރިން 2012 ވަނަ އަހަރުވެސް މި ސަރަޙައްދުން 72 ފޫޓުގެ އުސް ރާޅެއް ރެކޯޑް ކުރެވިފައިވާއިރު، އެއީ މިހާތަނަށް ރެކޯޑް ކުރެވުނު ދެވަނައަށް އެންމެ ބޮޑު ރާޅެވެ. ދެކުނު ކަނޑުގައި މިފަދަ ރާޅުތައް އުފެދެމުންދާ ސަރަޙައްދަކީ، އާދަޔާއި ޚިލާފަށް ބޮޑެތި ރާޅުތައް އުފެދޭ މައި ސަރަޙައްދެކެވެ. ސައިންސްވެރިން މި ސަރަޙައްދު ސިފަކުރަނީ، އެންމެ ބޮޑެތި ރާޅު އުފެދޭ "އިންޖީން ރޫމް"ގެ ގޮތުގައެވެ.

އެފަރާތްތަކުން ބުނެފައިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި ދެކުނު ކަނޑުން ބޮޑެތި ރާޅުތައް އުފެދިފައިވާއިރު، ރާޅުތަކުގެ އުސްމިން ރެކޯޑް ކުރަން ގެންގުޅޭ ޚާއްސަ އާލާތަށް އެ ސަރަޙައްދުގައި ދައުރުވަމުންދާ ތޫފާނުގެ ސަބަބުން ގެއްލުން ލިބި 20 މިނެޓަށް ރެކޯޑް ކުރުން މެދުކެނޑުނު ކަމަށެވެ. މި ވަގުތުގައި ކުރިން ރެކޯޑް ކުރެވިފައިވާ ވަރަށްވުރެ ބޮޑެތި ރާޅުތައްވެސް އުފެދިފައިވެދާނޭ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

މިހާތަނަށް ދުނިޔެ ދުށް އެންމެ ބޮޑު އެއް ސުނާމީގައި ނެގި ބިޔަ ރާޅުގެ އުސްމިނުގައިވެސް ހުންނަނީ ގާތްގަނޑަކަށް 100 ފޫޓެވެ. 1958 ވަނަ އަހަރު އެމެރިކާ ސަރަޙައްދަށް އެ ސުނާމީގައި އެތައް ހާސް ބަޔަކު މަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕިސް

    ސަދަން އޯޝަން އެއް ނޫންތަ؟

  2. ޢެދުރު

    ނިއުޒިލެންޑް ކައިރީ އެޓްލާންޓިކް ކަނޑު؟