ތިން މީހުންގެ ގްރޫޕަކުން، މިސްކިތަކަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބައެއް މީހުނަށް ޙަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ދެކުނު އެފްރިކާގެ ސިޓީއެއް ކަމަށްވާ ޑަރބަންގައި އިއްޔެގެ ވަގުތެއްގައި މި ހާދިސާ ހިނގާފައިވަނީ، އެ ސިޓީގެ އެންމެ ބޮޑު މިސްކިތް ތެރޭގައި އިމާމަކާއި އިތުރު ބަޔަކު ތިއްބައި އެމީހުނަށް ހަތިޔާރުން ބިރު ދައްކައި ޙަމަލާ ދިނުމުންނެވެ.

މި ޙަމަލާގައި ޒަޚަމްވި އިމާމަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާއިރު، އިތުރު ދެ މީހަކަށް ދަނީ ލިބުނު އަނިޔާގައި ފަރުވާދެމުންނެވެ. އެ ދެމީހުންނަށް ވެސް ވަނި ވަޅިން ޙަމަލާ ދީފައެވެ. އެމީހުންގެ ހާލަތާއި ގުޅޭގޮތުން ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި ފިނޑި ޢަމަލު ހިންގި މީހުން، އިމާމާއި އިތުރު ދެ މީހަކަށް ވަޅިން ޙަމަލާ ދިނުމަށްފަހު ފިލާފައިވާއިރު، އެމީހުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އެމީހުން ފިލަގެން ދިޔައީ، އެ ސަރަޙައްދުގައި ޕާކުކޮށްފައި އޮތް ޢާންމު މީހެއްގެ ވެހިކަލެއްގައި ކަމަށް ވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، ގްރޫޕްތަކުން ޑަރބަން ސިޓީގެ ބައެއް މިސްކިތްތަކަށް ވަދެ ފޭރުމުގެ ޢަމަލުތަކާއި ވައްކަން ކުރުން ފަދަ ކަންކަން ވަރަށް ބޮޑަށް ޢާންމުވެފައިވާ ދުވަސްވަރެއްގައެވެ. ނަމަވެސް މިއީ އެ ސިޓީގައި މިސްކިތްތަކަށް ވަންނަމުންދާ ފަރާތަކުން، ބަޔަކަށް ޙަމަލާދިން ފުރަތަމަ ފަހަރެވެ.

ދެކުނު އެފްރިކާއަކީ ނިސްބަތުން މުސްލިމުން މަދު ޤައުމެކެވެ. އެގޮތުން އެ ޤައުމުގައި މުސްލިމުންގެ އާބާދީ ޙިއްސާކުރަނީ ޖުމްލަ އާބާދީގެ 1.5 އިންސައްތައެވެ. މީގެ ކުރިންވެސް އެޤައުމުގައި މުސްލިމުންނަށް ދުއްތުރާކޮށް، ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު މުސްލިމުންނާއި ދެކޮޅަށް ނިކުމެފައި ވެއެވެ.