ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ތައިލޭންޑުގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފިއެވެ.

އެޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ އަންނަ އޮގަސްޓުމަހުގެ ނިޔަލަށެވެ. މި ހާލަތު އިތުރަށް ދިގުދަންމާލުމާއި ގުޅިގެން، އެޤައުމުގައި ކުރިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ޖެހޭނެއެވެ.

ތައިލޭންޑުގައި ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައި ވާއިރު އެޤައުމުގެ މުޖުތަމަޢުގެ ތެރެއިން ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިނުވާތާ ވަނީ ދެމަހެއްހާ ދުވަސް ވެފައެވެ. އެހެންކަމުން ކުއްލި ހާލަތު އިތުރު ކުރުމާއި ގުޅިގެން އެޤައުމުގެ ގިނަ ބަޔަކު ނުރުހުންވެސް ފާޅުކޮށްފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ މާރިޗު މަހުގެ ފަހުކޮޅުން ފެށިގެން ތައިލޭންޑުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

މިހާތަނަށް ތައިލޭންޑުން ޖުމްލަ 3261 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. އޭގެތެރެއިން ހަ މީހަކު ފައްސިވެފައި ވަނީ އިއްޔެއެވެ. އެޤައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވީ 58 މީހެކެވެ. އަދި ސީރިއަސް ހާލުގައި އެކަކަށް ފަރުވާދެމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ.

މިހާތަނަށް ތައިލޭންޑުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 3105 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 98 މީހަކަށެވެ.

އެންމެ ފުރަތަމަ ތައިލޭންޑުން ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމަކީ ޗައިނާއަށްފަހު ދުނިޔެއިން މި ބަލި ފުރަތަމަ ފެތުރުނު ޤައުމެވެ.