ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރަޝިޔާއިން އަށްލައްކަ އަށްވުރެ ގިނަ މީހުން ފައްސިވެއްޖެ އެވެ.

ރަޝިޔާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އަށްލައްކައަށް އަރާފައި މިވަނީ، އިތުރު އެތައް ހާސް ބަޔަކަށް އަލަށް މި ބަލި ޖެހުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރަޝިޔާއިން އިއްޔެ އެކަނިވެސް އިތުރު ފަސްހާހަށްވުރެ ގިނަ މީހުން ފައްސިވިއެވެ. މިއާއެކު އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 806,720 އަށް އަރާފައެވެ.

ރަޝިޔާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެޤައުމުން ބަލީގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ބަލީގައި މަރުވެސް ވެއެވެ. މިގޮތުން އިއްޔެ އިތުރު 146 މީހަކު ހިމެނޭހެން ރަޝިޔާއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 13,192 އަށް އަރާފައެވެ.

ރަޝިޔާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި 11 ވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އެޤައުމުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 597,140 މީހަކު ރަނގަޅުވެފައި ވާއިރު، މިހާރު ފަރުވާދެމުންދާ މީހުންގެ ތެރެއިން 2,300 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރު ވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރަޝިޔާ އިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު