އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނުމާއި ގުޅިގެން އެޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް-އުން އެޤައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނީ، އެޤައުމުގެ ދެކުނުގައި އޮންނަ ކައެސޯންގް ސިޓީއަށް ޤަވާއިދާ ޚިލާފަށް އެތެރެވި މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުންނެވެ.

މިކަމާއި ގުޅިގެން ކިމް ޖޮން-އުންގެ އެންގުމަކަށް އުތުރު ކޮރެއާގައި ވަނީ ސަރުކާރުގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައެވެ. އެޤައުމުގައި ކުއްލި ހާލަތު އިއުލާނުކޮށްފައި ވަނީ މި ބައްދަލުވުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއީ އުތުރު ކޮރެއާއިން މިހާތަނަށް ކޮވިޑް-19 އާއި ގުޅުންހުރި ވޭދަނަ (ކޭސް) އެއް ރަސްމީކޮށް ހާމަކުރި ފުރަތަމަ ފަހަރެވެ. އިދާރާތަކާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެޤައުމުން އަދި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު ފެނިފައެއް ނުވެއެވެ. ނަމަވެސް ބަލީގެ އަލާމާތް ހުރި މީހަކު ފެނުމާއެކު އެޤައުމުގައި ބަލި ފެތުރިދާނެކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

އުތުރު ކޮރެއާގެ ކައިސޯންގް ސިޓީން ކޮވިޑް-19 ގެ އަލާމާތްހުރި މީހާ ފެނުމާއެކު އޭނާ މިހާރު ވަނީ އެކަހެރިކޮށްފައެވެ. އަދި އެ ސިޓީވެސް މިހާރު ފުރަބަންދުކޮށްފައި ވާއިރު، ސިޓީއަށް ވަދެ ނިކުތުން މަނާކޮށް ބޯޑަރުތައް ބަންދުކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އުތުރު ކޮރެއާގެ ނޫސް އިދާރާއަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކައިސޯންގުން އަލާމާތްތައް ފެނުނު މީހާގެ ޓެސްޓުތައް ހެދުމުގެ މަސައްކަތް އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މި ޓެސްޓުތަކުގެ ނަތީޖާ އަދި އިދާރާތަކުން ހާމަކޮށްފައި ނުވާކަމަށް ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އުތުރު ކޮރެއާގައި ވެސް މީގެ ކުރިން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އެޤައުމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ ހަވަރަކަށް މަސް ވެފައިވާކަމަށް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

އުތުރު ކޮރެއާއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ އަލާމާތްހުރި މީހަކު ފެނުމާއި ގުޅިގެން އޭނާ އާއި ބައްދަލުވި މީހުންނާއި އޭނާ އުޅުނު ސިޓީގައި ފާއިތުވެދިޔަ ފަސް ދުވަހުގެ މުއްދަތުގައި އުޅުނު މީހުން ހޯދައި ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އުތުރު ކޮރެއާއިން ކޮވިޑް-19 ގެ ވޭދަނައެއް ރަސްމީކޮށް ހާމަކޮށް، މީހަކު ފައްސިވެފައިވާކަން ކަށަވަރު ކުރެވިއްޖެނަމަ ދުނިޔެއިން މި ބަލި ފެނުނު ޤައުމުތައް ނުވަތަ ސަރަޙައްދުތަކުގެ އަދަދު 214 އަށް އަރާނެއެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ކޮވިޑް-19 އަށް ދުނިޔެއިން 16 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެ، އޭގެތެރެއިން 647000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔޭގައި މި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު، ކުރިން ބެލެވިފައިވާ ވަރަށްވުރެ ބަލީގެ ނުރައްކާ އިތުރުވުމުގެ ބިރު އެބައޮތެވެ.