ކޮލަމްބިއާގެ ކައުކާ ނަމަކަށް ކިޔުނު ސަރަޙައްދަކުން، އެޤައުމުގައި ހަރަކާތްތެރިވާ ނިރުބަވެރި ގޮރިއްލާ ހަނގުރާމަވެރިން ގެ އަތްދަށުން ތިން މަސް ފަހުން ސަލާމަތްވެއްޖެ އެވެ.

ސްވިޒަލޭންޑާއި ބްރެޒިލް އަށް ނިސްބަތްވާ މި ދެ ފަތުރުވެރިން ހަނގުރާމަވެރިންގެ އަތްދަށަށް ދިޔައީ، އެމީހުން ކޮލަމްބިއާއަށް ކުރި ދަތުރެއްގެ ތެރެއިން، ކައުކާ ސަރަޙައްދުގައި އުޅެނިކޮށް ހަނގުރާމަވެރިންގެ ގްރޫޕަކުން ގޮސް އެމީހުން ރަހީނު ކުރުމުންނެވެ. ހަނގުރާމަވެރިން އެ ދެ ފަތުރުވެރިން ރަހީނުކޮށްގެން ގެންދިޔައީ، އެމީހުން ދަތުރުކުރި ވެހިކަލް ހުއްޓުވައި ބަޑިން ބިރުދެއްކުމަށްފަހު އެވެ.

އެއާއެކު އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކޮލަމްބިއާގެ ކަމާއި ބެހޭ އިދާރާތަކުން ދިޔައީ ކުރަމުންނެވެ. ނަމަވެސް ޖަންގަލި ތެރޭގައި އުޅޭ ގޮރިއްލާ ހަނގުރާމަވެރިންނަކީވެސް ހަތިޔާރުއެޅި ވަރުގަދަ ޖަމާޢަތަކަށް ވުމުން އެ އޮޕަރޭޝަނަށް ހުރަސް އެޅި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ހަނގުރާމަވެރިން ވަނީ މި ދެ ފަތުރުވެރިން ރަހީނުކުރުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ދިނުމުން ނޫނީ އެމީހުން ދޫކޮށް ނުލާނެކަން އިދާރާތަކަށް އަންގާފައެވެ. ނަމަވެސް ފަތުރުވެރިން ސަލާމަތްކޮށްފައި ވަނީ ހަނގުރާމަވެރިން ހުށަހެޅި ގޮތަށް ފައިސާ ދީގެން ކަމެއް އެނގިފައެއް ނުވެއެވެ. އެމީހުން ސަލާމަތްކުރި އިރު، އެއިން މީހަކަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ކޮލަމްބިއާ ސިފައިން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި މި ދެ ފަތުރުވެރިން ހޯދާފައި ވަނީ ގޮރިއްލާ ހަނގުރާމަވެރިން އެދެމީހުން އެހެން ސަރަޙައްދަކަށް ގެންދަނިކޮށް ކަމަށްވެސް ބައެއް ނޫސްތަކުން ބުނެއެވެ. ފާއިތުވެދިޔަ ތިން މަސް ތެރޭ މި ދެ ފަތުރުވެރިން 11 ތަނަކަށް ބަދަލުކޮށް ހިފަހައްޓާފައިވާ ކަމަށް ވެއެވެ. ސިފައިންނަށް އެ ދެމީހުން ތިބި ސަރަޙައްދު އެނގުމާއި ގުޅިގެން ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި ހަނގުރާމަވެރިއަކުވެސް އަތުލައިގެންފައި ވެއެވެ.

މި ދެ ފަތުރުވެރިން ވަނީ، ކޮލަމްބިއާ ސަރުކާރުން އެމީހުން ހޯދުމަށް ކުރި މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ގޮރިއްލާ ހަނގުރާމަވެރިން އުފެދިގެން އައީ ކުރިން އެޤައުމުގައި އޮތް، ރެވޮލިއުޝަނަރީ އާމްޑް ފޯސެސް އޮފް ކޮލަމްބިއާ (ފާރކް) ތެރެއިންނެވެ. 1964 ވަނަ އަހަރު އުފެދިގެން އައި މި ޖަމާޢަތަކީ ކޮލަމްބިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި އެންމެ ބޮޑު ޖަމާޢަތެވެ.