އެމެރިކާގެ ހުޅަނގުގައި އޮންނަ ސްޓޭޓެއް ކަމަށްވާ އުޓާގައި އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ފްލައިޓެއް ވެއްޓިއްޖެ އެވެ.

ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން، ދަތުރުކުރަމުން ދަނިކޮށް މި ފްލައިޓް ވެއްޓިފައި ވަނީ ގެއެއްގެ މައްޗަށެވެ. ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ތިން މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާގައި ވެއްޓިފައި ވަނީ ހަ މީހުންގެ ޖާގައިގެ ކުޑަ ފްލައިޓެއް ކަމަށް ވެއެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި ހަ މީހަކު ތިއްބެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފްލައިޓުން ދަތުރުކުރި ދެ މީހަކާއި، ފްލައިޓް ވެއްޓުނު ގޭގައި ދިރިއުޅުނު މީހެކެވެ. މި މީހުން މަރުވެފައި ވަނީ ފްލައިޓް ވެއްޓުނު ވަގުތު ހިނގި ގޮވުމުގެ ތެރެއިންނެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ، ފްލައިޓް ވެއްޓުމުގެ ސަބަބުން ދެގެއަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި އިތުރު ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ވަގުތު ފްލައިޓް ވެއްޓުނު ގޭގައި ތިބީ ކިތައް މީހުންކަމެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ.

އިދާރާތަކުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުން ހޯދުމަށް ތަހުޤީޤެއް ހިންގަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އަދި ރަސްމީ ފަރާތަކުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގައި ފްލައިޓެއް ވެއްޓުމުގެ ހާދިސާއެއް ހޮނިހިރު ދުވަހު ހިނގާފައިވާއިރު، ޖަރުމަންވިލާތުގެ އަވަށަކަށްވެސް ހޮނިހިރު ދުވަހު ކުޑަ ފްލައިޓެއް ވެއްޓިފައި ވެއެވެ. އެ ހާދިސާގައި ވެސް ތިން މީހަކު ވަނީ މަރުވެފައެވެ.

ހަމަ އެހެންމެ ދާދިފަހުން ޕާކިސްތާނުގެ ކަރާޗީގައި އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓެއް ވެސް ވެއްޓިފައި ވެއެވެ. މޭއި 22 ވަނަ ދުވަހު ހިނގި ނުރައްކާތެރި އެ ހާދިސާގައި 22 ގެއެއް ބިމާއި ހަމަވެ 98 މީހަކު މަރުވެފައި ވެއެވެ.