ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ޓެކްސަސް އަށް ބާރުގަދަ ތޫފާނެއް އަރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ތޫފާން ހެނާ" ގެ ނަމުން ނަންދީފައިވާ މި ތޫފާން ޓެކްސަސް އަށް އަރަން ފަށާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މިއާއެކު އެ ސްޓޭޓަށް އާދަޔާއި ޚިލާފަށް މޫސުން ގޯސްވެ ވައިގަދަވަމުން އަންނަ ކަމަށް ނޫސްތައް ބުނެއެވެ.

"ތޫފާން ހެނާ" ގެ ނުރައްކާ ކުރިޔަށް އޮތް ދުވަސްތަކުގައި ޓެކްސަސް އަށް ބޮޑުވެގެންދާނެ ކަމަށް ބެލެވިފައި ވާއިރު، މި ތޫފާނުގެ ސަބަބުން އެ ސްޓޭޓުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ ބޮރުވެސް ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން އިދާރާތަކުން ވަނީ ވަގުތީ ހިޔާތައް ޤާއިމްކުރުމުގެ މަސައްކަތް ފަށާފައެވެ.

އެއްވަނަ ދަރަޖައިގެ ތޫފާނެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ތޫފާން ހެނާ" އަކީ އެޓްލާންޓިކް ކަނޑުގައި މިއަހަރު މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ ތޫފާން ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ. މި ތޫފާން ޓެކްސަސް އަށް މިހާރު އަރަމުންދާއިރު، އިތުރު ތޫފާންތަކެއް ވެސް އެޓްލާންޓިކް ކަނޑުގައި އުފެދެމުން އަންނަ ކަމަށް އިދާރާތަކުން ބުނެއެވެ.

އިއްޔެ ޓެކްސަސް އަށް އަރަންފެށި ވަރުގަދަ ތޫފާނާއެކު އެ ސްޓޭޓުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައެވެ. އިދާރާތަކުން ބުނާގޮތުން ޓެކްސަސްގެ އާންމުން ދިރިއުޅޭ ގެތަކާިއ ވިޔަފާރިތައް ހިމެނޭހެން މިހާތަނަށް ޖުމްލަ 283104 ތަނަކުން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.

މި ތޫފާނާއި ގުޅިގެން ކުރިޔަށް އޮތް ދުވަސްތަކުގައި ޓެކްސަސް އަށް އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ވަނީ ލަފާކުރެވިފައެވެ. މިގޮތުން މާދަމާ، މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ސަރަޙައްދުތަކަށް 457 މިލިމީޓަރުގެ ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ލަފާކޮށްފައި ވެއެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާގައި އޮންނަ ޓެކްސަސް އަކީ އެޤައުމުން ހަތަރުވަނައަށް އެންމެ ނުރައްކާ ބޮޑުވެފައިވާ ސްޓޭޓެވެ. މިގޮތުން އެ ސްޓޭޓުން އެކަނިވެސް މިހާތަނަށް ޖުމްލަ 393,683 މީހަކަށް ބަލި ޖެހިފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދަނިކޮށް ޓެކްސަސް އަށް އަރާ ތޫފާނުގެ ސަބަބުން އެ ސްޓޭޓުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ދެގުނަވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ސިއްޙީ މާހިރުން އަންނަނީ ދެމުންނެވެ.