މިޔަންމާ ސިފައިންނާއި އެޤައުމުގެ ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންގެ އަނިޔާތަކަށް ކެތް ނުކުރެވިގެން، އެޤައުމު ދޫކޮށް ބަނގުލަދޭޝް އަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް، އިނގިރޭސިވިލާތުގައި ޚާއްޞަ ހަރަކާތްތަކެއް ފަށައިފިއެވެ.

އެގޮތުން ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި ޤާނޫނީ ވަކީލުން ގުޅިގެން، ރޮހިންޖާ އިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ، ކެމްޕޭނެއް ވަނީ ފަށާފައެވެ. މި ކެމްޕޭން އިފްތިތާޙު ކޮށްފައިވަނީ މިދިޔަ ބުދަދުވަހު، ލަންޑަނުގައި ހުންނަ އެމްނެސްޓީ އިންޓަނޭޝަނަލްގެ ހެޑްކުއާޓަރުގައެވެ.

މި ކެމްޕޭނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ފާއިޤު ބުނެފައިވަނީ ހަރަކާތުގެ މަޤުޞަދަކީ އިނގިރޭސި ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްގެން، އިނގިރޭސިވިލާތުން މިޔަންމާއަށްވެސް ފިއްތުންތަކެއް ކުރިމަތިކުރުވުން ކަމަށެވެ.

މީގެއިތުރުންވެސް، މި ކެމްޕޭނުގެ ދަށުން، މިޔަންމާގެ ސިފައިންނާއި ބުޑިސްޓުން، އަނިޔާވެރި ޢަމަލުތަކެއް ހިންގާފައިވާކަމުގެ ހެކިތައް ހޯދާނެކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް، މިޔަންމާގެ ފުރިހަމަ ރަށްވެހިކަން ދިނުމަށްވެސް ގޮވާލާނެކަމަށް އެފަރާތުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި މިޔަންމާގެ ރަޚައިން ސްޓޭޓުގައި ހިންގި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން އދ. އިން އޭރު ބުނެފައިވަނީ އެއީ ނަސްލެއް ނައްތާލުމުގެ ޢަމަލުތަކެއް ކަމުގައެވެ. މި ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ އެހެން ފަރާތަކުން ބުނެފައިވަނީ މި މައްސަލައިގައި ބައިނަލްއަޤުވާމީ ފަރާތްތަކުގެ އަޑު އެއްކޮށް ކެނޑިފައިވާކަމަށެވެ.