ކުރިޔަށް އޮތް އަޟްހާ އީދާއި ދިމާކޮށް އިރާގުގައި 11 ދުވަހުގެ ކާފިއުއެއް ހިންގުމަށް ނިންމައިފިއެވެ.

އިރާގުގައި ކާފިއު ހިންގަން ނިންމާފައި ވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކާ އިތުރަށް ބޮޑުވިޔަ ނުދިނުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

އިރާގުގެ ހެލްތް އެންޑް ނޭޝަނަލް ސޭފްޓީ ކޮމިޓީންލަފާ ދިނުމާއި ގުޅިގެން އެޤައުމުގެ ބޮޑުވަޒީރު، މުސްތަފާ އަލް-ޚަދީމީ އިއުލާނުކުރެއްވި މި ކާފިއު ހިންގުމަށް ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 9 ވަނަ ދުވަހާއި ހަމައަށެވެ.

އީދު ބަންދާއި ދިމާކޮށް އިރާގުގައި ކާފިއު ހިންގާ ދުވަތަކުގައި އެޤައުމުގައި އާންމުނ ޒަރޫރީ ބޭނުމެއް ނެތި ބޭރަށް ނިކުމެއުޅުން މަނާވާނެއެވެ. އަދި އާންމު ޚިދުމަތްދޭ ތަންތަންވެސް މި މުއްދަތުގައި ހުޅުވުން މަނާވާނެއެވެ. ނަމަވެސް ކްލިނިކްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ހިންގުމުގެ ހުއްދަ ވަނީ ދީފައެވެ.

އިރާގުގައި 11 ދުވަހުގެ ކާފިއުއެއް ހިންގުމަށް ނިންމާފައިވާ މި ދަނޑިވަޅަކީ އެޤައުމަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނަ ދަނޑިވަޅެކެވެ. މިގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އެޤައުމުން ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ކޮވިޑް-19 އައި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިރާގުން އިއްޔެ އެކަނިވެސް އިތުރު 2,553 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 112,585 މީހަކަށް ވަނީ މި ބަލި ޖެހިފައެއެވެ. މީގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 96 މީހަކު ހިމެނޭހެން 4,458 މީހަކު މަރުވެފައި ވެއެވެ.

އިރާގުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް ފެންމަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެޤައުމުގައި މި ބަލީގެ ނުރައްކާ ބޮޑުވަން ފެށީ މިދިޔަ ޖޫން މަހުން ފެށިގެންނެވެ.