ފަލަސްތީނުގެ ގައްޒާގައި އިއްޔެވެސް، އިސްރާއިލުގެ އިސްތިއުމާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކޮށްފިއެވެ.

ކޮންމެ ހުކުރު ދުވަހަކުވެސް ގައްޒާގައި ކުރަމުންދާ މުޒާހަރާ، އިއްޔެވެސް ފަށާފައިވަނީ ހުކުރު ނަމާދަށް ފަހުގައެވެ.

"ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އިއްޔެގެ މުޒާހަރާގައިވެސް، ބައިވެރިންނާ ދެކޮޅަށް އިސްރާއިލުގެ ސިފައިންވަނީ ބާރުގެ ބޭނުންކޮށްފައެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ "އަލް ޖަޒީރާ" ގައި ރޭ ބުނެފައިވަނީ މުޒާހަރާތަކުގެ ތެރެއިން އެކަކު މަރުވެ، 100 އަށް ވުރެ ގިނަ މީހުންނަށް ޒަޚަމްވެގެން ފަރުވާ ދީފައިވާކަމަށެވެ. އޮފިޝަލު ބުނެފައިވާ ގޮތުގައި މަރާލާފައިވަނީ އުމުރިން 40 އަހަރުގެ މީހެކެވެ. އަދި، އެމީހާ މަރުވީ ޔަހޫދީ ސިފައިން ޖެހި ވަޒަނެއް، މެއަށް އެރުމުންނެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ނޫސްވެރިޔަކުވެސް ހިމެނެއެވެ.

އޮފިޝަލު އިތުރަށް ބުނެފައިވާ ގޮތުގައި އިއްޔެވެސް، ހާލަތާ ނުބައްދަލު ބާރު، އިސްރާއިލުގެ ސަލާމަތީ ބާރުތަކުންވަނީ ބޭނުންކޮށްފައެވެ. އެގޮތުން، ވަޒަނާއި ރަބަރު ކޯޓު ލައިފައިވާ ދަގަނޑު އުންޑައާއި ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ.

ކޮންމެ ހުކުރު ދުވަހަކު މުޒާހަރާތައް ބާއްވަމުން އަންނައިރު، ބޮޑު މުޒާހަރާއަކަށް ފަލަސްތީނު ރައްޔިތުން ތައްޔާރުވަމުން އަންނަކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ. ނަކްބާ މުޒާހަރާގެ ނަމުގައި މި މުޒާހަރާ ބާއްވަން ހަމަޖެހިފައިވީނަމަވެސް، އެކަން ކުރިއަށް ގެންދާނީ ކޮން ދުވަހަކުކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިއްޔެ ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުންދިޔައިރު، ގާޒާ އާއި އިސްރާއިލު ގުޅޭ ބޯޑަރު ސަރަޙައްދުގައި އިސްރާއިލާ ވީ ފަޅީގައި، އިސްރާއިލު ރައްޔިތުންތަކެއް ވަނީ ފަލަސްތީނު ރައްޔިތުންނާ އެއްކޮޅަށް އަޑު އުފުލާ މުޒާހަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު