ކުރިޔަށް އޮތް ބަރަކާތްތެރި އަޟްހާ ޢީދާއި ދިމާކޮށް ބަންގްލަދޭޝްއަށް ނިރުބަވެރި ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދީފިއެވެ.

ބަންގްލަދޭޝްއަށް މި ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައި ވަނީ، ސީރިޔާ އާއި އިރާގުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް އިންނެވެ. މި އިންޒާރާއެކު ބަންގްލަދޭޝްގައި މިހާރު ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މަޢުލޫމާތުދެމުން ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ، އައިސިސް އިން ދިން މި އިންޒާރާއެކު ބަންގްލަދޭޝްގައި ހަރަކާތްތެރިވާ އެ ޖަމާޢަތަށް ވާގިވެރިވާ ގްރޫޕެއް ކަމަށްވާ ނިއޯ ޖޭއެމްބީ (ޖަމާއަތުއް މުޖާހިދީން ބަންގްލަދޭޝް) އިން ހަމަލާތައް ރާވަމުންދާ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ބަންގްލަދޭޝްގެ ބައެއް ސަރަޙައްދުތައް އީދާއި ދިމާކޮށް "ހައި-އެލާޓަށް" ގެނައުމަށް ނިންމާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

2016 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިކަންކުރާ ޑާކާގެ ކެފޭއަކަށް ނިރުބަވެރި ހަމަލާއެއްދީ 22 މީހަކު މަރާލި ހާދިސާ އަށްފަހު ބަންގްލަދޭޝްއަށް ނިރުބަވެރި އިތުރު ހަމަލާތަކެއް އަމާޒުވެދާނެކަމުގެ ނުރައްކާ އޮތްކަމަށް އޮފިޝަލުން ޤަބޫލުކުރެއެވެ. އެ ޙަމަލާގެ ޒިންމާ އައިސިސްއިން އުފުލާފައިވީނަމަވެސް ބަންގްލަދޭޝްގެ އިދާރާތަކުން ޤަބޫލުކުރާގޮތުން ހަމަލާގެ ފަހަތުގައި ތިބީ އެޤައުމުގެ ޖޭއެމްބީ ޖަމާޢަތެވެ.

ޖޭއެމްބީ ޖަމާޢަތަކީ ބަންގްލަދޭޝްގައި 2005 ވަނަ އަހަރުން ފެށިގެން އޮޕަރޭޓްކުރަމުން އަންނަ ޖަމާޢަތެކެވެ. މި ޖަމާއަތުން މީގެ ކުރިން ބަންގްލަދޭޝްގައި ދޭން އުޅުނު ހަމަލާތައް، އެޤައުމުގެ އިދާރާތަކުން ނާކާމިޔާބުވެސް ކޮށްފައި ވެއެވެ.