ކޮވިޑް-19 އަށް ދުނިޔޭގައި ފުރަތަމަ ވެކްސިން ދޭން ފަށާނީ ރަޝިއާ އިން ކަމަށާއި އެގައުމުން އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އާއްމުކޮށް މީހުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ރަޝިއާގެ އިދާރާތަކުން ބުނެފިއެވެ.

"ސީއެންއެން" އިން ބުނާ ގޮތުގައި ރަޝިއާގެ ކުންފުންޏެއް ކަމަށްވާ "ގަމަލެޔާ އިންސްޓިއުޓް" އިން އުފައްދާފައިވާ ވެކްސިން އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އާއްމުންނަށް ދޭން ފަށާނެކަން މިހާރު ރަޝިއާ އިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ވެކްސިން ފުރަތަމަ ދޭން ފަށާފައި ވަނީ ކުރީސަފުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނަށެވެ.

މި ވެކްސިން އުފެއްދުމަށް ފަންޑް ކުރަނީ ރަޝިއާގެ ސަވަރިން ވެލްތު ފަންޑުންނެވެ. 1957 ވަނަ އަހަރު އޭރުގެ ސޯވިއެޓް ޔޫނިއަން އިން ދުނިޔޭގެ ފުރަތަމަ ސެޓްލައިޓް ޖައްވަށް ފޮނުވުމުގެ ކާމިޔާބު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތައް ރަޝިއާ އިން ވެކްސިން އުފެއްދުމުގައި އާދަޔާއި ހިލާފު ކާމިޔާބެއް ހޯދާނެ ކަމަށް ރަޝިއާ އިން ބުނެއެވެ.

ރަޝިއާ އިން ބުނާ ގޮތުގައި މިވެކްސިން އަކީ ރައްކާތެރި ވެކްސިނެއްކަން ވަނީ ތަހްލީލްތަކުން ކަށަވަރު ކުރެވިފައެވެ. ނަމަވެސް ސިއްހީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ. މިވެކްސިން ތަހްލީލް ކުރުމަށް ފުޅާ ދާއިރާއެއްގައި މީހުންނަށް ވެކްސިން ދީގެން ތަހްލީލްތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި މިހާރު ކުރިއެރުންތައް ހޯދި ނަމަވެސް ވެކްސިން ބޭނުން ކުރެވޭވަރު ނުވެގެން އުޅެނީ އިންސާނުން ބޭނުން ކޮށްގެން ކުރަން ޖެހޭ ތަހްލީލްތައް ނުނިމޭތީއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދި ބޭނުން ކުރަން ފެށޭވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން ބުނެއެވެ. ނަމަވެސް އޭގެ ކުރިން ޗައިނާގެ ވެކްސިނެއް ބޭނުން ކުރަން ފެށިދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އައްޔަ

  ޖަސްޓް ހައު ލެޖިޓް އިޒްދިސް؟

 2. ވެކްސިން

  އ.ދ ގެ ހަރުފަ ގޮފިން އުފައްދާ ވެކްސިނަށްވުރެ ރޫސީވިލާތުން އުފައްދާ ވެކްސިނަށްވެސް މާއިތުބާރު ކުރެވޭ!

  11
  2
 3. Anonymous

  ޢަވަހަަށް ލިބޭނެ ނަމަ