އިރާގުގެ ވެރިކަންކުރާ ބަޣްދާދުގެ، ބަޣްދާދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފިއެވެ.

ނޫސްތައް ބުނާގޮތުން މި ހަމަލާ ދީފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ ބަޣްދާދު އެއާޕޯޓަށް ދެ މިސައިލް ހަމަލާ އަމާޒުކޮށްފައި ވެއެވެ. މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އެ އެއާޕޯޓުގައި ތިބި އެމެރިކާގެ ސިފައިންނަށެވެ.

އެއާޕޯޓަށް އިއްޔެ އަމާޒުކުރި މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ނޫސްތައް ބުނެއެވެ. މި ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަމެއް އަދި އެނގިފައި ނުވާއިރު، ހަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން ވެސް މިހާތަނަށް އުފުލާފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިއީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިރާގުގައި ދިން 39 ވަނަ ހަމަލާއެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުން މި ހަމަލާތައް ދެމުން އަންނަނީ އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާޢަތްތަކުންނެވެ. އަދި މި ޙަމަލާތަކަކީ އީރާނުގެ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ނިރުބަވެރިން ދެމުންދާ ހަމަލާތަކެއް ކަމަށްވެސް އެމެރިކާއިން ތުހުމަތު ކުރެއެވެ. ނަމަވެސް އީރާނުން މި ތުހުމަތުތައް ދޮގުކުރެއެވެ.

އިއްޔެ ބަޣްދާދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާތައް އަމާޒުކޮށްފައި ވާއިރު، މި އެއާޕޯޓަކީ ދާދިފަހުން އެމެރިކާ ސިފައިން އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ޣާސީމް ސުލައިމާނީ އަށް ހަމަލާދީ އަވަހާރަކޮށްލި އެއާޕޯޓެވެ. އެ ހާދިސާ އާއި ގުޅިގެން ކޯޅުން ބޮޑު އެމެރިކާ އާއި އީރާނުގެ ދެމެދުގައި ނުތަނަވަންކަން ވަނީ އިތުރުވެގެން ގޮސްފައެވެ. އީރާނުން ވަނީ ސުލައިމާނީގެ މަރުގެ ބަދަލު ހިތި ގޮތަކަށް އެމެރިކާގެ ކިބައިން ހިފާނެ ކަމަށް ވެސް ބުނެފައެވެ.