އަންނަ ނޮވެމްބަރ މަހުގެ 03 ވަނަ ދުވަހު އެމެރިކާގައި ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބު ފަސްކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައިފިއެވެ.

އެމެރިކާގެ ރައީސްކަން ދެވަނަ ދައުރަކަށް ހޯދުމަށް ކެމްޕޭން ފަށާފައިވާ ޓްރަމްޕަށް ދެވަނަ ދައުރު ކާމިޔާބު ކުރުން ވާނީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ޓްރަމްޕަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ.

ޓްރަމްޕް އިއްޔެ ކުރި ޓްވީޓެއްގައި ބުނީ މިއަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެންމެ ބޮޑަށް މަކަރާއި ހީލަތުން އޮޅުވާލާނެ އިންތިޚާބަށް ވެގެންދާނެ ކަމަށެވެ. ޓްރަމްޕް ބުނާ ގޮތުގައި މެއިލް މެދުވެރިކޮށް މިއަހަރު ގިނަ އަދަދެއްގެ ވޯޓް ލާން ޖެހޭނެ ކަމަށް ބެލެވޭއިރު އެވޯޓްތައް އޮޅުވާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ރޭ ވައިޓްހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ބުނީ އިންތިޚާބު ލަސްކުރުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށާއި ނަމަވެސް އިންތިޚާބުގެ ނަތީޖާ އަކީ އެންމެ ރަނގަޅު، ސައްހަ ނަތީޖާއެއްކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ފަސްކުރަން ޓްރަމްޕް ގޮވާލި ނަމަވެސް އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އިންތިޚާބު ފަސްކުރުމުގެ ބާރެއް ޓްރަމްޕަކަށް ނެތެވެ. އިންތިޚާބު ފަސް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ކޮންގްރެސް އިން ޤާނޫނެއް ފާސްކޮށްގެން އިންތިޚާބު ފަސްކުރުމުން ކަމަށެވެ. ނަމަވެސް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސީނިއާ މެންބަރުން މިހާރު ވެސް ވަނީ އެފަދަ ޤާނޫނެއް ފާސްކުރަން ދެކޮޅުކަން އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޔަ

    ކަލޭ ދެން އަބަދަކު ވެރިކަމުގަ ހުންނާކަށް ލާހިކު ކުޅަދާނައެއްނޫން ، ދައުރު ދިގުދަންމާލާފަ ކަލޭ މުސްލިމުންނަން ޖެއްސުންކުރަން އަބަދަކު ކަލޭ ރަައީސްކަމުގަ ނުބެހެއްޓޭނެ! ކަރުދާހުން އިންތިހާބު ނުބޭވެއްޏާ އޮންލައިން ކޮން އިންތިހާބު ބޭއްވޭނެ އެއީވެސް ގޮތެއް މިހާރު ، ރައީސް ކަމަށް ދެން ނުހޮވޭނެކަން އިނގޭތީ އޭގެ ބިރަށް އިންތިހާބުު އެ ފަސްކުރަނީ އެހެން ހެދީމަ މިކަލޭގެ އަށް ކިހާަ ގިނަދުވަހަކު ރައީސްކަމުގަ ހުރެފަ ރައްޔިތުންނަށް ދުއްތުރާ ކުރެވޭނެ އެއްނު ، ބިޑެން ރައީސް ކަމަށް ހޮވިދާނެތީ ޖަހާ މަޅިއެއް އެއީ.....