ޗައިނާ އިން އިއްޔެ 127 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއީ އެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކުރި ފަހުން އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.

ކޮވިޑް-19 ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ޗައިނާ އިން ފައްސިވެފައި ވަނީ 84,292 މީހުންނެވެ. އަދި އެ ބަލީގައި 4,634 މީހަކު މަރުވެފައިވާ އިރު، ބަލި ޖެހުނު 78,974 މީހަކު ވަނީ ރަނގަޅުވެފައެވެ. އެ ބައްޔަށް މިހާރު ފަރުވާ ދެނީ 684 މީހުންނަށެވެ.

އޭގެ ތެރެއިން ހަ މީހަކު އޮތީ ސީރިއަސް ހާލަތުގައި ކަމަށްވެއެވެ. ޗައިނާގައި އިއްޔެ އެކަނި ވެސް 105 މީހަކު ފައްސިވެފައިވެއެވެ. ޗައިނާގައި ކޮވިޑް-19 ކޮންޓްރޯލް ކުރި ފަހުން ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ދަނީ ފައްސިވަމުންނެވެ.

ޗައިނާ އިން އެންމެ ފަހުން ފައްސިވި 125 މީހުންގެ ތެރޭގައި ހިމެނެނީ ޒިންޖިއާން އިން ފައްސިވި 112 މީހުންނެވެ. އަދި ބާކީ 11 މީހުން ފައްސިވެފައި ވަނީ ލިއަނިންގް އިންނެވެ. މިދިޔަ ބުދަ ދުވަހު ޒިންޖިއާން އިން 96 މީހަކު ފައްސިވިއެވެ. އަދި ލިަޮނިންގް އިން ފަސް މީހަކު ފައްސިވިއެވެ. ޗައިނާގެ ސަރަހައްދުތަކުގެ ތެރެއިން މިހާރު އެންމެ ގަދައަށް ބަލި ފެތުރެނީ ޒިންޖަންގް އާއި ލިއަނިންގައެވެ.

ޗައިނާގެ އެންމެ އިސް އެއް އެޕިޑޮމޮލޮޖިސްޓް މިއަދު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ޗައިނާ އިން މިހާތަނަށް ކޮވިޑް-19 އަށް މީހުން ފައްސިވެފައިވާ ގޮތައް ބަލާއިރު ފިނިމޫސުގައި ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެގެން ދިއުމުގެ ފުރުސަތު ބޮޑެވެ. ޗައިނާގެ ފިނިމޫސުން ފެށެނީ ސެޕްޓެމްބަރ މަހު ފަހުކޮޅުއެވެ.