އަންނަ ނޮވެމްބަރު މަހާ ހަމައަށް ދާއިރު، އެމެރިކާގައި އިތުރު ދެ ލައްކަ މީހުން މަރުވެދާނެ ކަމަށް އަލަށް ހެދި ޕްރޮޖެކްޝަނަކުން ދައްކައިފިއެވެ.

ޔުނިވަސިޓީ އޮފް ވޮޝިންްޓަނުން ހެދި ޕްރޮޖެކްޝަންތައް ދައްކާ ގޮތުގައި ނޮވެމްބަރު މަހަށްދާ އިރު، އެމެރިކާގައި ކޮވިޑް-19 ޖެހިގެން 230،822 މީހަކު މަރުވާނެ ކަމަށް ލަފާ ކުރެވެއެވެ. އެއީ މިހާރު އެ ގައުމުގެ ހާލަތަށް ބަލާފައި ހެދި ދިރާސާއެކެވެ.

އެމެރިކާގެ ޔުނިވަސިޓީއެއް ކަމަށްވާ ޔުނިވަސިޓީސް އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވަލުއޭޝަން (އައިއެޗްއެމްއީ) އިން ޖުލައި 22 ގައި ނެރުނު ދިރާސާ ދައްކާ ގޮތުގައި ނޮވެމްބަރު މަހާ ހަމައަށްދާ އިރު، އެމެރިކާ އިން 219،864 މީހަކު މަރުވާނެ ކަމަށް ލަފާ ކުރެވެއެވެ.

ކޮވިޑް-19 އާ ބެހޭ މައުލޫމާތުތައް ހާމަކުރާ ބައިނަލްއަގުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، އެމެރިކާގައި މިހާތަނަށް 4.6 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، 155،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލިން 2.2 މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ބަލި ޖެހިގެން ސީރިއަސް ހާލަތުގައި ތިބި މީހުންގެ އަދަދު ވަނީ 18،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު މިހާ ގިނަ ވާނެ ކަމަށް ލަފާކޮށްފައި ވަނީ އާންމު ރައްޔިތުން ބޭރުގައި އުޅޭ އިރު މާސްކް އަޅަން ދެކޮޅު ހަދާތީއެވެ. އަދި ގައިދުރު ކަމަށް ސަމާލު ކަން ނުދިނުމަކީ ބަލި ފެތުރެން އޮތް މަގެއް ކަމަށް ބުނެފައިވެއެވެ.

މާސްކް އަޅައި ގައިދުރުކަމަށް ސަމާލުކަން ދީފި ނަމަ، ނޮވެމްބަރަށްދާ އިރު، ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 198،831 އަށް މަދު ކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

"އެމެރިކާގެ 95 އިންސައްތަ މީހުން މާސްކް އަޅައިގެން ބޭރަށް ނުކުން ނަމަ، ބަލި ޖެހޭ މީހުންގެ އަދަދު މަދު ވާނެ. އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު މަދު ވާނެ. އަދި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު މަދު ކުރެވޭނެ،" އައިއެޗްއެމްއީގެ ޕްރޮފެސަރު އަލީ މޮކްދަދް ވިދާޅުވިއެވެ.