ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވީ މީހުންގެ އަދަދު 17.7 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 17 މިލިއަނުން 17.7 މިލިއަނަށް އަރާފައި މިވަނީ އެންމެ ހަތަރު ވަރަކަށް ދުވަސް ތެރޭގައެވެ.

ދުނިޔެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، އިއްޔެވެސް އިތުރު 260,000 އަށްވުރެ ގިނަ މީހުންނަށް އަލަށް މި ބަލި ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 17,727,968 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

މިދިޔަ މޭއި މަހުގެ މެދެއްހާ ހިސާބުގައި، ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، އަނެއްކާވެސް ބަލީގެ ނުރައްކާ ދުނިޔެއަށް ވަނީ ބޮޑުވާން ފަށާފައެވެ. މިގޮތުން ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔަށްވުރެ ބޮޑަށް އިތުރުވެފައި މިވަނީ، މި ބަލިމަޑުކަމާއި ގުޅިގެން ގިނަ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތެއްގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން އަވައްޓެރި އިންޑިއާ އާއި ރަޝިޔާ ހިމެނެއެވެ. މީގެ ތެރެއިން އެމެރިކާއިން މިހާތަނަށް ޖުމްލަ 4.7 މިލިއަން މީހަކަށް ބަލި ޖެހި 156,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމައެހެންމެ އަވައްޓެރި އިންޑިއާއަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ. އެޤައުމުން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 36000 އަށް އަރާފައެވެ. އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދުން މި ބަލީގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 681,937 މީހަކު ވަނީ މަރުވެފައެވެ. މީގެތެރޭގައި މިދިޔަ 24 ގަޑިއިރުތެރޭ މަރުވި 5974 މީހަކު ހިމެނެއެވެ.

މިހާތަނަށް ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން މިބަލިން ރަނގަޅުވެފައި ވަނީ، 11,142,818 މީހުންނެވެ. މިއަދާއި ހަމައަށް މި ބަލީގައި 5,903,213 މީހުންނަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 65,479 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު މިހާތަނަށް 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ. ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައިނުވާ މި ބަލިމަޑުކަމަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު