ސްޕޭނުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފެށުމާއި އެކު ކަންބޮޑުވުންތައް އުފެދި، ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އިޓަލީވިލާތައް ފަހުން ޔޫރަޕުން އެންމެ ހާލަތު ގޯސްވި އެއް ގައުމަކީ ސްޕޭނެވެ. މާޗް މަހާއި އޭޕްރީލް މަހު ސްޕޭންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، މުޅި ގައުމު ފުރަބަންދު ކުރަން ޖެހުނެވެ. ނަމަވެސް މެއި މަހަށް ފަހު ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، ފައްސިވާ މީހުންގެ އަދަދު މަދުވާން ފެށުމުން ގިނަ ލުއިތަކެއް ދިނެވެ.

އެއާއި އެކު އަނެއްކާވެސް ވަނީ ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފަށާފައެވެ. ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު އިއްޔެ 3092 މީހަކު ފައްސިވިއެވެ. އިއްޔެއަކީ މެއި މަހުގެ 11 ވަނަ ދުވަހަށް ފަހު އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ސްޕޭނުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން މިހާރު ވަނީ ގިނައިން ބަލި ފެންނަ ސަރަހައްދުތަކުން ބޭރަށް މީހުން ދަތުރު ކުރުން މަނާކޮށްފައެވެ. އަދި ޓެސްޓް ކުރުން އިތުރުކޮށް ކޮންޓެކްޓް ޓްރޭސިން ހެދުން ވެސް ވަނީ އިތުރު ކޮށްފައެވެ. ސްޕޭންގެ ގިނަ ސަރަހައްދުތަކުގައި މިހާރު ބޭރަށް ނިކުންނަ މީހުން ކާޑެއް ގެންދަން ޖެހެއެވެ. އެކާޑު ބޭނުން ކޮށްގެން މީހުން ގޮސްފައިވާ ސަރަހައްދުތައް ސަރުކާރުން ދެނެގަނެއެވެ. އެއީ ބައްޔަށް މީހަކު ފައްސިވާ ހިސާބުން އެމީހަކު ގޮސްފައިވާ ތަންތަން ދެނެގަތުމަށް ފަސޭހައަކަށް ބޭނުން ކުރާ ކާޑެކެވެ.

ސްޕޭންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮވިޑް-19 ފެތުރުން އިތުރު ވަމުން ދާނަމަ ދެވަނަ ފުރަބަންދަކަށް ވެސް ދާން ޖެހިދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ޒަޔަނިސްޓް އި ޒްރޭލް ޙިމާޔަތް ކުރާ އިޔޫރަޕު އަށް ގެއްލުމާއި ހަލާކު މިންވަރު ކުރައްވާށި (" މުސްލިމުން ދީނީގޮތުންނާއި ސަޤާފީގޮތުން ނަމަވެސް އެކަތި ގަނޑަކަށް ވިޔަ ދީގެން ނުވާނެ " ސްޕޭންގެ ރަސްގެފާނު " )