މިއަހަރު ސައުދީ ސަރުކާރުން ހައްޖުވުމުގެ ފުރުސަތު ދިން ހާހެއްހާ މީހުންގެ ތެރޭގައި ކައިވެންޏަށް އަހަރުވެސް ނުފުރޭ ދެމަފިރިއަކު ލައްވާލައިފިއެވެ.

މިއަހަރު ހައްޖަށް މީހުން ހޮވާފައި ވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށްގެން ކަމުން، އެކުގައި ހައްޖަށް ދިއުމަށް އެދިފައިވާ ދެ މީހުންނަށް އެއްފަހަރާ މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ. އެކަމަކު ސައުދީގައި ދިރިއުޅެމުން އަންނަ މުހައްމަދު އަދި ހިބާ ނަމަކަށް ކިޔާ ދެމަފިރިއަކަށް ވަނީ އެފުރުސަތު ލިބިފައެވެ.

މުހައްމަދަކީ އައިޓީގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

މުހައްމަދު ބުނި ގޮތުގައި ހައްޖަށް ދިއުމަށް ބޭނުންވާ މީހުންނަށް މި އަހަރު އެ ގައުމުގެ ސަރުކާރުން ފުރުސަތު ހުޅުވާލުމާއެކު އޭނާ ހައްޖަށް ދިއުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރީ، އެއްވެސް ވަރަކަށް ދެވޭނެ ކަމުގެ އުންމީދެއް އޮވެގެން ނޫން ކަމަށެވެ.

ނަމަވެސް އޭނާ އަށް ހައްޖަށް ދިއުމުގެ ފުރުސަތު ލިބުމުން އެކަމާ ނުހަނު އުފާވާ ކަމަށް މުހައްމަދު ވަނީ ބުނެފައެވެ.

މުހައްމަދާއި އެކު އޭނާގެ އަންހެނުން ހިބާއަށް މި ފުރުސަތު ލިބިފައި ވަނީވެސް ހަމަ ގުރުއަތުން ހޮވިގެންނެވެ. ހިބާ ބުނެފައިވާ ގޮތުގައި މިފަދަ ފުރުސަތެއް ކައިވެނީގެ ފުރަތަމަ އަހަރު ލިބުމަކީ މުޅި ހަޔާތުގައި ވެސް އެންމެ ބޭނުންވާ ހަދިޔާ ލިބުން ފަދަ ކަމެކެވެ.

ހިބާ ބުނި ގޮތުގައި ހައްޖަށް ދިއުމަށް އޭނާ ރަޖިސްޓްރީ ކުރިކަން އެންމެ ފުރަތަމަ އާއިލާއަށް ނުވެސް އަންގައެވެ. ނަމަވެސް އެފުރުސަތު ލިބުމުން އެ އުފާވެރި ހަބަރު އާއިލާއަށްވެސް ދީފައިވާކަމަށް ހިބާ ބުންޏެވެ.

މިއަހަރުގެ ހައްޖުވެރިން ހޮވުމުގައި ބަލާފައި ވަނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް އިސްކަން ދިނުމަށެވެ. ސައުދީ އިން އެތައް ބަޔަކު އޮންލައިން ޕޯޓަލުގައި ރަޖިސްޓްރީ ވެފައިވާއިރު ހައްޖަށް ދިއުމުގެ ފުރުސަތު ދީފައި ވަނީ މަދު ބަޔަކަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    މާޝާﷲ

    43
  2. އަލީ

    ތީ ރާއްޖޭގައި ހިނގިކަމެއްނަމަ ބުނާނީ ނުފޫޒުގެ ބޭނުންކޮށްގެންނޭ ދެމަފިރިން ހޮވުނީ.

    2
    1
  3. ނިމާލު ބެ

    Masha Allah