ކޮވިޑް-19 އަށް ޕޮލޭންޑުން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން އަންނަ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި ފާއިތުވި، 3 ދުވަހު ޖެހިޖެހިގެން އެގައުމުން ފައްސިވި މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު، އެގައުމުން 658 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ޕޮލޭންޑުން މި ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވަނީ މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހާއި ހަމައަށް ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ގޮސްފައިވަނިކޮށެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު އެގައުމުން 205 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެ ފަހުން ކޮންމެ ދުވަހަކު މި ބައްޔަށް އެގައުމުން ފައްސިވާ މީހުންގެ އަދަދު އުޅެނީ 250 މަތީގައެވެ.

އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ، ސަރުކާރުން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަން ހާމަ ކޮށްފައެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަމެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ޕޮލޭންޑުން މިހާތަނަށް މި ބަލި ޖެހިގެން 1,721 މީހަކު މަރުވެފައިވާއިރު، 34,374 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު 10,251 މީހަކަށް މި ބައްޔަށް ފަރުވާދެމުން އަންނައިރު، 74 މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ ފަހުގެ މައުލޫމާތު އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.