ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް މެކްސިކޯ ވެއްޖެ އެވެ.

ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް މެކްސިކޯ ވެފައި ވަނީ، އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު އެޤައުމުން މަރުވުމާއި ގުޅިގެންނެވެ.

މީގެ ކުރިން ކޮވިޑް-19 ޖެހިގެން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވެފައި ވަނީ 46,193 މީހެކެވެ. މެކްސިކޯ އިން އިއްޔެ އިތުރު 688 މީހަކު ހިމެނޭހެން މިހާތަނަށް މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 46,688 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯއަކީ ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހުނު ޤައުމެވެ. މިގޮތުން އިއްޔެ އިތުރު 8,458 މީހަކު ހިމެނޭހެން އެޤައުމުން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 424,637 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމަތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މެކްސިކޯއިން މިހާތަނަށް މިބަލި ޖެހުނު މީހުންގެ ތެރެއިން 278,618 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 99,331 މީހަކަށެވެ.

މިވަގުތު މެކްސިކޯގައި ކޮވިޑަށް ފަރުވާދޭ މީހުންގެ ތެރެއިން 3,985 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމެވެ. އެހެންކަމުން ބަލީގައި ކުރިޔަށް އޮތް ދުވަސްތަކުގައި މަރުވާ މީހުން އިތުރުވެގެން ދިއުމުގެ ނުރައްކާ މެކްސިކޯއަށް އެބައޮތެވެ.

މެކްސިކޯއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.