އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެ ކުރިމައްޗަށް އެތައް ހާސް ބަޔަކު އެއްވެސް މުޒާހަރާ ކުރަމުން އެބަދެއެވެ.

ނޫސްތައް ބުނާގޮތުން ގިނަ އަދަދެއްގެ ބަޔަކު އޭނާގެ ގެ ކުރިމަތީގައި މުޒާހަރާ ކުރަމުން ދަނީ ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް ގޮވާލައެވެ. މި މުޒާހަރާގައި، އސްރާއިލްގެ ވެރިކަންކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤުދުސްގެ މަގުމަތަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެފައެވެ. މިކަމާއި ގުޅިގެން ނަތަންޔާހޫ ދިރިއުޅޭ ގެ ހުންނަ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެށި، ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިރޭގެ މުޒާހަރާއަކީ ފަހުގެ ތާރީޚެއްގައި ވެސް އެންމެ ގިނަ ބަޔަކު ބައިވެރިވި މުޒާހަރާ ކަމަށް ވެއެވެ. މިގޮތުން މިރޭގެ މުޒާހަރާގައި ދިހަ ހާހަށްވުރެ ގިނަ މީހުން ބައިވެރިވަމުންދާ ކަމަށް އިސްރާއިލްގެ ނޫސްތަކުން ބުނެއެވެ.

ނަތަންޔާހޫ އިސްތިއުފާ ދިނުމަށް އިސްރާއިލްގެ ގިނަ ބަޔަކު ގޮވާލަމުން މިދަނީ ކޮވިޑް-19 ގެ ހާލަތުގައި އޭނާ ކަންކަން ހިންގަމުންދާ ގޮތާއި މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އޭނާއާއި ދެކޮޅަށް ކުރެވިފައިވާ ކަރަޕްޝަންގެ ދަޢުވާތަކާއި ގުޅިގެންވެސް ވެރިކަމުން އޭނާ ދުރުކުރަން ގިނަ ބަޔަކު ބޭނުން ވެއެވެ.

އިސްރާއިލްގެ ނޫސްތައް ބުނާގޮތުން އެޤައުމުގައި ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިގޮތުން ކޮންމެ ހަފްތާއަކު ސިލްސިލާ ގޮތެއްގައި ދެ ދުވަހު މުޒާހަރާ ކުރިޔަށްގެންދާ ކަމަށް ނޫސްތައް ބުނެއެވެ.

މިރޭގެ މުޒާހަރާއަކީ 2011 ވަނަ އަހަރު އިސްރާއިލްގައި ކުރިޔަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކަށްފަހު މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާއެވެ. 2011 ވަނަ އަހަރު ނަތަންޔާހޫ އާއި ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ އިސްރާއިލްގައި އާންމު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ގުޅިގެންނެވެ.

2009 ވަނަ އަހަރުން ފެށިގެން އިސްރާއިލްގެ ބޮޑުވަޒީރުކަމުގައި ނަތަންޔާހޫ ހުރިއިރު، އޭނާ އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގާފައިވާ ޖަރީމާއަކީ އެޤައުމާއި އިންވެގެން އޮންނަ ފަލަސްތީނުގެ ބިމަށް ވެރިވެގަތުމެވެ. އެގޮތުން ހިންގި ލޭއޮހޮރުވުންތަކަށްފަހު މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާ ހުންނަ ޤުދުސް ވަނީ އިސްރާއިލްގެ ބާރުގެ ދަށަށް ގެންގޮސް މުސްލިމުންގެ އަތުން ފޭރިގެންފައެވެ. އެއަށްފަހު އޭނާ ވަނީ ސިފައިން މެދުވެރިކޮށް އަމިއްލަ ވަޒަނުގައި ދިރިއުޅެމުން ދިޔަ އެތައް ބަޔަކު އެ ބިމުން ފައްސާލާފައެވެ. މިކަމާއި ވެސް ދެކޮޅު ގިނަ އަދަދެއްގެ ބަޔަކު އިސްރާއިލްގައި އުޅެއެވެ.

ފަލަސްތީނުގެ ބިން، މުސްލިމުންގެ އަތުން ފޭރިގަތުމަށް ނަތަންޔާހޫ އިސްވެހުރެ ހިންގި ޖަރީމާގައި އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން ވަނީ ޤުދުސް އަށް އިސްރާއިލް އިން އަތްގަދަކޮށް އެ ސިޓީއަކީ އިސްރާއިލްގެ ވެރިކަންކުރާ ސިޓީގެ ގޮތުގައި ނިންމި ނިންމުމުގައި ވެސް ބޮޑު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަހުރަބު

    އިޒްރާއީލް އެއީ ޤައުމެއް ނޫން އެއީ އަލިފުން ޔާއަށް ފަލަސްތީން !

    21
    1
  2. އުދަބާނި

    ނަޝީދު ދިރިއުޅޭ ގޭގެ ކުރިމަތީ މިފަދަ މުޒާހަރާތައް ފެންނާނެ ދުވަހަކަށް މިއެދެނީ. ރާއްޖޭގެ ނަތަންޔާހޫ އަކީ އޭނާ. ދިރިއުޅޭ ގެއެއް މިހާރު އެގެނީއަކީ ވެސް ނޫން ލައިލާމެން ގެއިން ނެރެލިފަހުން އޮޑިދޯނި ފަހަރުގައި ނިދާގެން ހޮޓާތަކުން ކައިބޮއިގެން އުޅޭ ވާހަކަ ކިޔާތީ އަޑުއިވޭ

    20
    1
  3. ފާތުން

    ނަތަންޔާހޫ ކަލެއަށް ހޭ އަރާފިނު. ފިލާ ނޯވެ އިސްތިއުފާދީ. ?

    21
    1
  4. ދިވެހި މަސްރަހު

    އިސްރާއީލްގެ މިހާރު ހާލަތަށް ދިވެހި ގައުމު މިސްރާބުޖަހައިފިއެވެ. ސަބަބަކީ ގައުމުގެ މާލިއްޔާ ބަހައި ހުސްކޮށްފިއެވެ. ބަޖެޓްތަކަށް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ. ލިބުނުހާ ހިލޭ އެހީތަކަށް ވީގޮތެއްވެސް ނޭނގެއެވެ. ބަލިމަޑުކަމުގެ މިހާލަތުގައި ފައިސާ ޗާޕްކޮށް އެފައިސާއިން ރަށްޔިތުންނަށް ލުޔެއް ނުލިބި ޑޮލަރާއި ތަކެތީގެ އަގު ބޮޑުވުން އެބަދެއެވެ. އަނެއްފަހަރު ފައިސާޗާޕް ކުރަން އުޅޭކަމުގެ އަޑުތަށް ހޮޅުއަށި ތަކާސި ހަމައަށް އައިސްފިއެވެ. އޭގެ ނަތީޖާ އަކަށް ވާނީ ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވުމާއެކު ތަކެތީގެ އަގު ބޮޑުވެގެން ދިއުމެވެ. އަދި މިހުރިހާކަމެއް އެއްކިބާކޮށްފައި ސަރުކާރުގެ ކޮރަޕްޝަން ބޮޑުތަނުން ހިންގާކަމަށް ރަށްޔިތުން ތުހުމަތު ކުރެއެވެ. ވީމާ އިސްރާއީލްގެ ރަށްޔިތުން މުޒާހަރާ ކުރާ ސަބަބު ތަކާއި މިގައުމުގެ ހާލަތުގެ ތަފާތެއް ނުފެނެއެވެ. އެހެންވުމާއިއެކު ކުއްލި ބޮޑެތި މުޒާހަރާތަށް ދިވެހި އުދަރެހުން ފެނިގެންހިނގައިދާނެ ކަމަކީ ދާދި ގާތުގައިވާ ކަމެކެވެ. މިކަމުގެ އިހުސާސް ސަރުކާރަށްވެސް ކުރެވެއެވެ.