މިއަހަރު ހައްޖުގެ އަޅުކަމަށް ގޮސްތިބި ހައްޖަޖީންގެ ތެރެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ނުވާ ކަމަށް ސައުދީ އަރަބިއާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް 10,000 މީހުން ފޮނުވާފައިވާއިރު، އޭގެތެރޭގައި ގިނައީ ސައުދީގައި ދިރިއުޅުމުން އަންނަ އެހެން ގައުމުތަކުގެ މީހުންނަށް ލިބިފައިވާ ފުރުސަތެކެވެ. މީގެ ކުރިން ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން 2.5 މިލިއަނަށްވުރެ ގިނަ މީހުން އެއްވެއެވެ.

މި އަދަދަށްވެސް މީހުންނަށް ހައްޖު ކުރުމުގެ ފުރުސަތު ދީފައިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކޮށް، ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ބަލާފައެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑެޕިއުޓީ މިނިސްޓަރ، ޑޮކްޓަރު އަބްދުﷲ އަސިރީ ވިދާޅުވެފައި، މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހުއްދަ ދެވިފައިވަނީ އުމުރުން 20 އަހަރާއި 50 އަހަރުގެ މީހުންނަށް ކަމަށެވެ.

"އެފަރާތްތަކުން ވަނީ 14 ދުވަހުގެ މުއްދަތަކަށް ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ކޮވިޑް-19އަށް ޓެސްޓް ކުރެވި، ހުން ހުރިތޯ ބަލައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެވިފައި" އަސިރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހައްޖާޖީންނަށް ގައިދުރު ކުރުމުގެ ޓްރެއިނިންތައްވެސް ދެވިފައި ކަމަށާއި، އަޅުކަމުގެ ތެރެއިން ހައްޖާޖީންގެ ހަރަކާތްތައް ކައިރިން ބަލާފައިވާ ކަމަށެވެ.

ސައުދީން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދޮނަމް ވަނީ އެގައުމުން އެފަދަ ފިޔަވަޅުތަކެއް އަޅައި، ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް މަރުހަބާ ކިޔާފައެވެ.

ކޮވިޑް-19ގެ ފަހުގެ މައުލޫމާތު އާންމު ކުރާ ގައުމީ އިދާރާއަކުން ހިއްސާ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސައުދީ އަރަބިއާއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 277,478 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ

    މަބުނީމެއްނު ކިތަންމެ ބަޔަކު ދިޔަޔަސް އެތަނުން ކޮވިޑު ނާރާނެޔޭ

    8
    4
  2. އަލްޖިބްރާ

    މިއީ ﷲސުބްޙާނަޙޫ ވަތަޢާލާގެ ކުޅަދުން ވަންތަވެރިކަން ؟ އެނޫން ގޮތަކަށް ބުނުމުގެ ޤާބިލް ކަމެއް އިންސާނުންނަކަށް ނުވޭ !