އިންޑިއާ އިން މިއަދު ވެސް 52783 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއަދު އިންޑިއާ އިން ވަނީ ކޮވިޑް-19 ޖެހިގެން އިތުރު 758 މީހަކު މަރުވެފައެވެ.

މިއަދު އިންޑިއާ އިން ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދެވެ. އިއްޔެ އިންޑިއާ އިން 852 މީހަކު މަރުވެ، 54000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ.

އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1.8 މިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން 38161 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާ ސަރުކާރުން މިއަދު ބުނީ އެގައުމުން މިހާތަނަށް 19 މިލިއަން މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި މިހާތަނަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %11.81 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19 ފެތުރިގެން އިންޑިއާގައި "ހާޑް އިމިއުނިޓީ" އެއް އައުމަކީ ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށާއި އިންޑިއާ އަށް ކުރިމަތިވެފައިވާ ހާލަތުން އައި ގަނެވޭނެ ހަމައެކަނި ގޮތަކީ ކޮވިޑް-19 އަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދުން ކަމަށެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އިންޑިއާ އިން ވެސް ގެންދަނީ ކުރަމުންނެވެ. އަދި އިސްރާއީލާއި އިންޑިއާ ގުޅިގެން ކޮވިޑް-19 އަށް ޓެސްޓް ކުރާނެ އާވަސީލަތެއް އުފެއްދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ދެގައުމުގެ ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ ނޭވާ އިން ނުވަތަ އަޑުން ކޮވިޑް-19 ޖެހިފައި ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ ޑިވައިސްއެއް އުފެއްދޭތޯއެވެ. އެފަދަ ޑިވައިސްއެއް އުފެއްދިއްޖެނަމަ ކޮވިޑް-19 ޖެހޭ މީހުން އަވަހަށް ދެނެގަނެވި އަވަހަށް އެކަހެރި ކުރެވި ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަލީމް

    މައްސަލައަށް ހައްލެއް އެބަ އޮތް. ހަވީރު 6 ނުވަތަ ރޭގަނޑު 9 ގެ ފަހުން ހުރިހާ ތަނެއް ބަންދުކޮށްފަ މީހުން އެއްވިޔަ ނުދީ ކާފިއޫ ހންގާފަ ބަހައްޓަންވީ ނު މަހެއް ވަންދެން.

  2. ކައްބެ

    އިލާހީ ގާނޫނުތަކަށް ކޮޅުފައިންއަރާ ދެގައުމު ވެކުސިނެއް ނުވަތަ ކޮވިޑު ޖެހިފަހުރިތޯ ބެލުމަށް ރަމަލު ޑިވައިސް އެއްވެސް އަދި އެހެންޑިވައިސް އެއްވެސް ހޯދުމުގެ ގާބިލުކަމެއް މި ދެގައުމުގެ ކިބައިގަ ނެތް ....!!!