އެމެރިކާގެ ކެލެފޯނިއާ ސްޓޭޓުގެ ދެކުނުގެ ސަރަޙައްދެއްގައި ރޯވެ އަނދަމުން އެބަދެއެވެ.

ނޫސްތައް ބުނާގޮތުން ރޯވެ އަނދަމުންދަނީ ދެކުނު ކެލެފޯނިއާގެ ޖަންގަލި ހިމެނޭ ބޮޑު ސަރަޙައްދެއްގައެވެ. އާންމުން ދިރިއުޅޭ ސަރަޙައްދުތަކާއި ދުރުނޫން ހިސާބެއްގައި ރޯވެ އަނދަމުންދާ މި އަލިފާންގަނޑު ކޮންޓްރޯލްނުވެ އިތުރަށް ފެތުރެމުން ދާއިރު، މިހާތަނަށް ދެ އިމާރާތަކާއި ގެއެއް ވަނީ އަނދާ އަޅިޔަށް ވެފައެވެ.

ނަމަވެސް މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި އެނގިފައި ނުވާކަމަށް އިދާރާތަކުން ބުނެއެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ރޯވި މި އަލިފާންގަނޑުގައި މިހާތަނަށް ވިހިހާސް އޭކަރުގެ ބޮޑު ސަރަޙައްދެއް އަނދާފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ. މި އަލިފާންގަނޑާއެކު އަރަމުންދާ ބޯ ދުމުގެ ސަބަބުން "އެއާ ކްއެލިޓީ އެލާޓް" އެއްވެސް ބައެއް ސަރަޙައްދުތަކަށް މިހާރު ވަނީ ނެރެފައެވެ.

ހިފެހެއްޓުމެއްނެތި ފެތުރެމުންދާ މި އަލިފާންގަނޑުގެ ސަބަބުން މިހާތަނަށް 2600 ގެއެއް ހުސްކޮށް، 7800 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ. އަލިފާންގަނޑު އިތުރަށް ފެތުރި ބޮޑުވަމުން އައުމާއެކު އެފަރާތްތަކަށް އަނބުރާ ގެތަކަށް ދެވޭނެ އިރެއް ނޭނގޭތީ މިހާރު ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ.

ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި 1300 އަށްވުރެ ގިނަ ފަޔާފައިޓަރުން ބައިވެރިވަމުންދާ ކަމަށް ނޫސްތައް ބުނެއެވެ. އަދި މި މަސައްކަތުގައި ހެލިކަޕްޓަރާއި އަލިފާން ނިއްވުމަށް ބޭނުންކުރާ މަތިންދާ ބޯޓާއި ގިނަ އަދަދެއްގެ ޓްރަކްތައް ވެސް ދަނީ ބޭނުންކުރަމުންނެވެ.

ރޯވެ އަނދަމުންދާ މި އަލިފާންގަނޑު ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު، ރޯވެފައިވަނީ ފަރުބަދަމަތީ ސަރަޙައްދެއްގައި ކަމުން އަލިފާން ނިއްވުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.

މި އަލިފާންގަނޑު ރޯވާން ދިމާވި ސަބަބެއް ހޯދުމަށް އިދާރާތަކުން ތަހުޤީޤެއް ކުރިޔަށް ގެންދާއިރު، އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ޖަންގަލީގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ.