ހައްޖުގެ އަޅުކަން މިއަހަރު ފުރިހަމަ ކުރުމަށް ސައުދީ އަރަބިއްޔާ އިން އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ދުނިޔެއަށް ލާމަސީލު މިސާލެއް ދައްކައިދެމުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޖެނީވާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑަބްލިއުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޓެޑްރޯސް އަދަނޮމް ވިދާޅުވީ ރައްކާތެރިކަމާއި އެކު ހައްޖުގެ ހުރިހާ ކަމެއް ފުރިހަމަ ވެގެން ދިޔައީ ސައުދީ އަރަބިއްޔާ އިން ކަންކަން އިންތިޒާމު ކޮށްފައި ހުރިލަތް ފުރިހަމަ ކަމުން ކަމަށެވެ.

"ރައްކާތެރިކަމާއި އެކު ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ގެންގޮސް ހައްޖުގެ އަޅުކަން ނިންމާލާފައި ވާތީ އަޅުގަނޑު ސައުދީ އަރަބިއްޔާގެ ރަސްގެފާނަށާއި ސައުދީ އަރަބިއްޔާ އަށް މަރުހަބާ އާއި ޝުކުރު ދަންނަވަން." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ އާއާއްމު ހާލަތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކަންތައްތައް ކުރުމުގައި ސައުދީ އަރަބިއްޔާ މިސާލެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ސައުދީ އަރަބިއްޔާ އިން މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ ރައްކާތެރިކަމުގެ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ހައްޖުގެ އަޅުކަމުގެ ކުރިން ހުރިހާ ހައްޖުވެރިން ކަރަންޓީން ވެސް ކުރިއެވެ. އަދި ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ ވެސް އިޖުތިމާޢީ ގައިދުރުކަން ބަހައްޓައިގެން ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއި އެކުއެވެ.

މިއަހަރު ސައުދީ އަރަބިއްޔާ އިން ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދިނީ އެއްހާސް މީހުންނަށެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނެއް ނުހިމެނެއެވެ. އެއީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެކެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ހައްޖުގެ އަޅުކަން ނިމުނުއިރު އެއްވެސް ހައްޖުވެރިއެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވީ އާރ ޕްރައްުޑް އޮފް ސައޫދީ. އެންމެ ރަނގަޅު އިސްލާމީ ގައުމު، ތަވްހީދާ ސުންނަތުގެ ބިން

    12
    1