ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯގައި، ހަނގުރާމަވެރިންނާއި އަސްކަރިއްޔާއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން، ހަތަރު ލައްކައެއްހާ ކުޑަކުދިން ބަނޑަށް ޖެހިފައިވާކަމަށް، އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމާއަތް، ޔުނިސެފް އިން ބުނެފިއެވެ.

ޔުނިސެފް އިން ބުނެފައިވާ ގޮތުގައި ކޮންގޯގެ މެދުތެރޭގައި އޮންނަ ކަސާއީ ސަރަޙައްދުގައި ކޮންގޯގެ އަސްކަރިއްޔާއާއި އެފްރިކާގެ އަސްކަރިއްޔާތަކާއެކު ހަނގުރާމަވެރިންނާ ކުރިމަތިލަމުންދިޔުމުގެ ސަބަބުން ފަޤީރު ކަން އިންތިހާއަށް އަށް އުފުލި، އެކަމުގެ އަގު އެންމެ ބޮޑަށް އަދާކުރަން ޖެހިފައިވަނީ އެންމެ ނާޒުކު ކުޑަކުދިންކަމުގައެވެ.

އެޖަމާއަތުން ބުނެފައިވާ ގޮތުގައި ހަތަރު ލައްކައެއްހާ ކުޑަކުދިން ބަނޑަށް ޖެހިފައިވާއިރު، އަވަސް އިންސާނީ އެހީ ނުލިބިއްޖެކަމުގައިވާނަމަ، އެކުދިންގެ ފުރާނައަށް ނުރައްކާ ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ހަމަލާ ބަދަލުކުރުންތައް ހުއްޓާލާ، އެއްވެސް ތަފާތުކުރުމެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށްވެސް ޔުނިސެފުން ބުނެފައިވެއެވެ. ހަމައެހެންމެ، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރަން ޖެހިފައިވާކަމަށްވެސް އެޖަމާއަތުން ހާމަކޮށްފައިވެއެވެ.

އދ.ގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2016 ވަނަ އަހަރުގެ ތެރޭގައި ކަސާއީގައި ފެށުނު ހަމަނުޖެހުންތަކުގެ ސަބަބުން، 1.3 މިލިޔަން މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ. އަދި، މި ފަރާތްތައް ގެދޮރު ދޫކޮށް ގޮސްފައިވަނީ އެކަށީގެންވާ ފެނާއި ކާބޯތަކެތި އަދި ނަރުދަމާގެ ޚިދުމަތްތައް ނެތް، ރަށްފުށުގެ ސަރަޙައްދުތަކަށްކަމަށްވެސް ބުނެފައިވެއެވެ.

ކޮންގޯގައި ހާލުގައި ޖެހިފައިވާ މި ކުދިންނަށް އެހީތެރިވުމަށް، މިހާރުން މިހާރަށް 88 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ޔުނިސެފުން ބުނެއެވެ.

އެޤައުމުގެ އެއް ހިސާބެއްގައި ހަމަނުޖެހުންތަކާއި ހަމަލާ ބަދަލުކުރުންތައް ކުރިއަށް ދާއިރު، އެހެން ހިސާބެއްގައި ދަނީ ހަލުވިކަމާއެކު ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބުނި ޖައްބާރު

    ޢެކުދިންނާއިއެކު ﷲ ވޮޑިގެންވޭ. ޢެކަލާނގެ ހުރިހާ މަޚުލޫފުންނަށް ރިޒުގުދެއްވަނީ. ތުނިސެފުން ދުވަހަކު އެކުދިންނަށް އެހީނުވިއަސް އެކުދިންނަށް ލިބެންޖެހޭްރިޒުގެއް ލިބުމަށްފަހު އެކުދިން މަރުވާނީ.
    .

  2. މީ

    މާތްﷲ އެކުދިންގެ ބަނޑުހައިހޫނުކަން ފިއްލަވާ ރިޒްގު ތަނަވަސް ކޮށްދެއްވަވާށި އަދި ނުރައްކާތެރި ބަލިތަކުން އަޅަމެން އެންމެންވެސް ސަލާމަތްކޮއްދެއްވަވާށި އާމީން

    • ޣަފޫރު

      އާމީން