ހަލުވި ކަމާއެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިރާނުން މަރުވާ މީހުންގެ އަދަދު ސިއްރު ކުރާ ކަމަށް ބީބީސީން ބުނެފިއެވެ.

ބީބީސީ ޕާޝިއަން ސާވިސް އިންވެސްޓިގޭޝަނަށް ލިބިފައިވާ ތަފާސް ހިސާބުތައް ބުނާ ގޮތުގައި، މިދިޔަ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އެގައުމުން ކޮވިޑް-19 ޖެހިގެން 42,000 ވަރަކަށް މީހުން މަރުވެފައިވާ ކަން އެގައުމުގެ ސަރުކާރުގެ ރިކޯޑްތަކުން ދައްކައެވެ.

ނަމަވެސް އެ ގައުމުގެ ހެލްތް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ބަލި ޖެހިގެން އެ ގައުމުން އެ ދުވަހާ ހަމައަށް މަރުވެފައިވަނީ 14,405 މީހެކެވެ.

އެ ގައުމުން މި ބަލި ޖެހޭ މީހުންގެ އަދަދުވެސް ސިއްރު ކޮށްފައިވާ ކަން އެ ދިރާސާއިން ވަނީ އެނގިފައެވެ. އެގައުމުން އެމުއްދަތާއި ހަމައަށް ބަލި ޖެހުނު ކަމަށްބުނެ ރިޕޯޓް ކޮށްފައިވަނީ 278,827 މީހުންނެވެ. މަވެސް ބީބީސީން ބުނެފައިވަނީ އެ އަދަދު 451,024 އަށް އަރާ ކަމަށެވެ.

އެގައުމުން ހާމަ ކޮށްފައިވާ ނަތީޖާއަށް ބަލާއިރުވެސް، އިރާނަކީ އޭޝިއާ ސަރަހައްދުގައި ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމުކަން ފާހަގަ ކޮށްލެވެއެވެ.

އެގައުމުން ކޮވިޑް-19 ޖެހިގެން އެންމެ ފުރަތަމަ މީހަކު މަރުވެފައިވަނީ އެގައުމުން ބަލި ފެނުނުތާ އެއް މަސް ފަހުން، ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކަމަށް ބީބީސީން ވަނީ ބުނެފައެވެ.

ބީބީސީން ބުނެފައިވަނީ އެ ހިސާބުތަކަކީ 'އެނޮނީމަސް ސޯސް' އަކުން ފޮނުވާފައިވާ ހިސާބުތަކެއް ކަމަށެވެ. އެ ހިސާބުތަކުގައި ބަލި ޖެހިގެން އެގައުމުގެ ހޮސްޕިޓަލަށް ދާ މީހުންގެ ނަމާއި، އުމުރު އަދި ހުރި އަލާމާތްތަކާއި ހޮސްޕިޓަލުގައި ހޭދަ ކުރި ދުވަސްތައް އެނގޭ ކަމަށް ބީބީސީން ވަނީ ބުނެފައެވެ.

އެގައުމުގެ ސަރުކާރުން، ބަލި ޖެހޭ މީހުންގެ އަދަދާއި، ބަލިން މަރުވާ މީހުންގެ އަދަދު ސިއްރު ކޮށްފައިވާ ކަމުގެ ތުހުމަތުތައް ކުރެވެން ފެށުމާއި އެކު ގިނަ ބައެއްގެ ފާޑު ކިޔުންތައް މިހާރު ވަނީ ސަރުކާރަށް އަމާޒުވެފައެވެ.