ކޮވިޑް-19 ޖެހުނު އުމުރުން 105 އަހަރުގެ އަފްޣާނިސްތާނަށް އުފަން އަންހެނަކު އެ ބަލިން ރަނގަޅުވެއްޖެއެވެ.

އިންޑިއާގައި ފަރުވާ ދިނުމަށް ފަހު ރާބިއާ އަހުމަދު ދޫކޮށްލީ، ހަފްތާއެއް ވަންދެން ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހުގައެވެ. ނަމަވެސް އޭނާ އައިސީޔޫގައި އޮންނަތާ 15 ވަރަކަށް ދުވަސްވިއެވެ.

ރާބިޔާ ހޮސްޕިޓަލަށް ގެންދިޔައީ ޖުލައި 16 ވަނަ ދުވަހުއެވެ. އެގޮތުން އޭނާ ހޮސްޕިޓަލަށް ގޮސް ކުރި ޓެސްޓުތަކުން ކޮވިޑް-19 އަށް ފައްސިކަން އެނގުނެވެ.

އެއަށް ފަހުން އޭނާގެ ހާލު ގޯސްވެ ވެންޓިލޭޓަރުގައި ވަނީ ފަރުވާ ދީފައެވެ. ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ހުކުރު ދުވަހު އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު ނަތީޖާ ނައްސިވުމުން އޭނާ ދޫކޮށްލަން ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

އޭނާ ދޫކޮށްލީ އީދު ދުވަހެވެ.

އަފްޣާގާނިސްތާނުގެ އެ އަންހެން މީހާ އިންޑިއާ އަށް އައީ މާމަ ދަރިން ދެކިލުމަށެވެ. އޭނާ އަށް ކޮވިޑް-19 ޖެހުނީ ފުރަބަންދު ވުމުގެ ސަބަބުން އެނބުރި ގައުމަށް ދެވޭނެ ގޮތެއް ނެތިފައި ހުއްޓައެވެ.

ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ދިޔަ އިރު ހުން ހުރުމުގެ އިތުރުން ނޭވާ ކުރުވުމާ ނިއުމޯނިއާގެ އަލާމާތްތައް ފެންނަ ކަމަށެވެ.

އަދި އޭނާގެ ކިބައިން އަލްޒީމިއާގެ އަލާމާތްތައް ވެސް ފެންނަން ހުރި އިރު އޭނާ އަށް ފުރަތަަ ހޮސްޕިޓަލަށް ގެންދިޔަ އިރު އާއިލާގެ މީހުންނަކީ ކޮބައިކަން ވެސް ހަނދާން ނެތް ކަމަށް ޑޮކްޓަރުން ބުނެއެވެ.

އޭނާ އެޑްމިޓް ކުރި ފަހުން ޔޫރިން އިންފެކްޝަނެއް އުފެދިގެންވެސް އޭނާ އަށް ވަނީ ފަރުވާ ދީފައެވެ.

އޭނާ ހޮސްޕިޓަލުން ދޫކޮށްލި އިރު އެއިން އެއްވެސް ކަމެއްގެ އަލާމާތެއް ނުފެންނަ ކަމަށާ އޭނާގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރުން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު