ހަލުވި ކަމާއި އެކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ކޮސޯވޯގެ ބޮޑުވަޒީރު އަވްދުﷲ ހޯތޭ ފައްސިވެއްޖެއެވެ.

އަވްދުﷲ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އޭނާ ވަނީ އަމިއްލައަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަވްދުﷲ މީސްމީޑިއާގައި ވިދާޅުވެފައިވަނީ އެ ބައްޔަށް ފައްސިވިނަމަވެސް، ބަލީގެ މާ ބޮޑެތި އަލާމާތްތަކެއް ފެނިފައި ނުވާ ކަމަށާއި ދެ ހަފްތާގެ މުއްދަތަކަށް އެކަހެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަވްދުﷲ އަކީ މިދިޔަ ޖޫން މަހުން ފެށިގެން ގަވާއިދުން އޮފީހަށް ވަޑައިގަންނަވާ ބޭފުޅެއް ކަމުން އޭނާ ވަނީ އެ މުއްދަތުގައި ދިމާވެފައިވާ މީހުން އައިސޮލޭޓް ވުމަށް އެދިވަޑައިގެންފައެވެ.

އާބާދީގެ ގޮތުން 1.8 މިލިއަން މީހުން ދިރިއުޅެމުން އަންނަ ކޮސޯވޯ އިން މިހާތަނަށް 8،777 މީހަކަށް ކޮވިޑް-19 ވަނީ ޖެހިފައެވެ. އޭގެ ތެރެއިން 249 މީހަކު މަރުވެފައިވާއިރު، 4,863 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތަކެއް އެގައުމުން އަޅާފައި ނުވާތި ގިނަ ބަޔަކު ވަނީ ހަމަ ނުޖެހުންތައް ވެސް ހިންގާފައެވެ.

ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަބަޔަކު ދަނީ ބަލީގައި މަރުވަމުންނެވެ. އެގޮތުން މިހާތަނަށް 18,258,448 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެެވެ. އަދި 693,395 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މީގެ އިތުރުން، ބައެއް ގައުމުތަކުގެ ވެރިން މި ބައްޔަށް ފައްސިވެ ފަރުވާ ހޯދަމުން އަންނައިރު، ބައެއް ގައުމުތަކުގެ ވެރިން ވަނީ މި ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޭަެެޢަކް

    ކޮން ގައު މު ތަކެއްގެ ވެރިން މަރުވީ