އިރާނުގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ކޮންމެ ހަތް މިނެޓަކު މީހަކު މަރުވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސްޕާސަން ސިމާ ސަދަތް ލަރީއާ ހަވާލާދީ ސްޓޭޓް ޓީވީން ބުނީ، އެ ގައުމުން ފާއިތުވި 24 ގަޑިއިރު ކޮވިޑް-19 ޖެހިގެން 215 މީހަކު މަރުވެފައިވާ ކަމަށެވެ.

ސްޓޭޓް ޓީވީން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަލުވިކަމާ އެކީ އެ ގައުމުގައި ބަލި ފެތުރެމުން އަންނަނީ އެކުލަވާލާފައިވާ އުސޫލުތަކަށް ބޯނުލަނބައި، ގިނަ ބަޔަކު އިޖުތިމާއީ ގައިދުރުކަން ނުބަހައްޓައި މަގުމަތީގައި އުޅޭތީއެވެ.

އެގޮތުން އެ ގައުމުގެ ވެރިރަށް ތެހެރާންގެ މަގުތަކުގައި ވެސް މާސްކު ނާޅާ އެއްވެސް ވަރަކަށް ގައިދުރު ކުރުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު އުޅޭ ކަމަށް އެ ޓީވީން ވަނީ ރިޕޯޓް ކޮށްފައެވެ.

އެގައުމުން ހަލުވި ކަމާއެކީ މި ބަލި ފެތުރެމުން އަންނާތީ ގިނަ ބަޔަކު އަންނަނީ ބަލިޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދުތަކުގެ ސައްހަ ކަމާމެދު ޝައްކު އުފައްދަމުންނެވެ. އޭޕްރިލް މަހުގެ ތެރޭގައި އެގައުމުގެ ޕާލިމެންޓްރީ ރިސާޗް ސެންޓަރުން ނެރެފައިވާ ރިޕޯޓެއްގައިވެސް ވަނީ އެގައުމުން ބަލި ޖެހޭ މީހުންގެ އަދަދު ދެ ގުނަ އިތުރުވާނެ ކަމަށް ބުނެފައެވެ.

އެ ރިޕޯޓުގައި ބުނާގޮތުން ނަމަ، އެފަދަ ފަރާތްތަކުގެ މައުލޫމާތު ހަމައެކަނި ހޯދަނީ ހޮސްޕިޓަލުގައި މަރުވާ މީހުންނާއި، ވައިރަސްއަށް ފައްސިވާ މީހުންނަށް ބެލުމަށް ފަހުގައެވެ.

މިފަދަ ޝައްކުތަކެއް ކުރެވިފައިވާއިރު، ބީބީސީން ބުނެފައިވަނީ އެފަރާތްތަކަށް "އެނޮނީމަސް ސޯސް" އަކުން ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް، އެގައުމުން ހާމަ ކޮށްފައިވާ އަދަދަށްވުރެ ތިން ގުނަ މީހުން މަރުވެފައިވާނެ ކަމަށެވެ.

އިރާނުގެ ހެލްތް މިނިސްޓްރީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އެގައުމުން މި ބަލި ޖެހިގެން މަރުވެފައިވަނީ 14,405 މީހެކެވެ. ނަމަވެސް ބީބީސީން ބުނެފައިވަނީ ތަފާސް ހިސާބުތަކަށް ބަލާއިރު، 42,000 ވަރަކަށް މީހުންނަށް ބަލި ޖެހި ވަނީ މަރުވެފައެވެ. .

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްދު ހަމަލާ

    ތީ އިޒްރޭލުގެ މޮސާދްއަޑީގައޮވެގެން ކުރިކަމެއް..އީރާން
    ބަލިކަށި ކުރުމަށް...އީރާންގެ ނިއުކްލިއަރ ޕްލާންޓާއި މިސައިލްބޭހަކަށް ހަމަލާދިނުމުގައި އަޑީގައިއޮތީވެސް
    އިޒްރޭލް...ޙާމަނާއީވަނީ ރިވޮލިއުޟަނަރީގާޑައް ނުލަފާހަމަލާތަކެއްދިނުމަށް ކޮމާންޑަރުންނަށް އަމުރުކޮށްފައި...މަދުދުވަސްކޮޅެއްގެ އެތެރޭގައި އީރާންގެ ހަމަލާއަންނާނެ ދުނިޔެއަދި ސިހޭނެ...